
ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަނަށާއި ޓެންޓުތަކަށް އަމާޒުކޮށް އިޒްރާއިލްއިން ބޮންއަޅަނީ
އިޒްރާއިލްއިން ގަސްތުގައި ވަކިވަކި ތަނަތަނަށް އަމާޒުކޮށް މީހުން ދިރިއުޅޭ ޓެންޓްތަކަށާއި, ކާބޯތަކެތި ތައްޔާރުކުރާ ބަދިގެތަކަށް ދިން ހަމަލާތަކުގައި ރޭވެސް ވަނީ 13 މީހަކު ޝަހީދުވެފައެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޮތަކެތި ބެހުމަށް ޗެރިޓީ ޖަމާއަތްތަކުން އެކި ސަރަހައްދުތަކުގައި ކާބޯތަކެތި ތައްޔާރުކުރާ ބަދިގެތަކުން ދުވާލަކު އެތައްހާސް މީހުންނަށް ހޫނު ކާތަކެތި ފޯރުކޮށްދެއެވެ.
ޗެރިޓީ ބަދިގެތަކަށް ހަމަލާދޭން ފަށާފައިމިވަނީ ޣައްޒާއަށް ކާބޯތަކެތި ނުވަތަ އިންސާނީ އެހީގެ އެއްވެސް މިންވަރެއް ވަނުން އިޒްރާއިލްއިން މަނާކޮށްފައިވާތާ 26 ދުވަސް ފާއިތުވެ, ޣައްޒާގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އިޒްރާއިލްއިން ވަނީ ޣައްޒާގެ ޑީސަލިނޭޝަން ޕްލާންޓްތަކުން ކަރަންޓްވެސް ކަނޑާލާ, ޣައްޒާގެ ރައްޔިތުންނަށް ސާފުބޯފެން ލިބޭނެ ހުރިހާ މަގެއްވެސް ބަންދުކޮށްފައެވެ.
އެއްބަސްވުމާ ޚިލާފްވެ އިޒްރާއިލްއިން އަލުން ހަމަލާތައް ފަށާއިވާތާ ތިން ހަފުތާ ވާންދާއިރު, މި މުއްދަތުގެ ތެރޭގައި ޣައްޒާގެ އާބާދީގެ 142,000 މީހުންވަނީ ވަންނާނެ ތަނެއްނެތި ވިއްސިވިހާލި ވެފައެވެ.
ހަމަ މިވަވަގުތު އިޒްރާއިލްއިން ދަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަޞްޠީނުގެ ރައްޔިތުން ދިރިއުޅޭ ގެތަކުން މީހުން ގަދަކަމުން ނެރެ, އެމީހުންގެ ވަޒަން ދޫކޮށްދާން މަޖުބޫރުކުރުވަމުންނެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް 44,000 މީހުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރެމް އިން އެމީހުންގެ ގެތަކުން ނެރެލާފައިވާ ކަމަށް ފަލަޞްޠީނުގެ ނޫސް ވަފާ ނިއުސް އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ.
2023 އޮކްޓޯބަރު 7 ން ފެށިގެން މިހާތަނަށް އިޒްރާއިލްއިން ޣައްޒާގެ 50,183 މީހުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ކަށަވަރުކޮށްދެއެވެ. އަދި ހަމަލާތަކުގައި މިހާތަނަށް 113,828 މީހަކު ޒަހަމްވެފައިވާކަމާށްވެސް މަޢުލޫމާތު ދީފައިވެއެވެ.
ރިއެކްޝަންސް






