
އަހަރަކު 100 ޙާފިޡުން އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް: އިސްލާމިކް މިނިސްޓަރު
ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަހަރަކު 100 ޙާފިޡުން އުފެއްދޭ މިންވަރަށް ފުޅާކުރެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޒުން ދަސްވެނިވުން ފާހަގަކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ވަރަށް ބޮޑަށް ފުޅާކުރައްވާނެ ކަމަށެވެ. އިސްލާމީ މަރުކަޒުތައް ޤާއިމުކޮށްފައިވާ ކޮންމެ ރަށެއްގައި އެ މަޝްރޫޢު ފުޅާކޮށް ކުރިއަށް ގެންދަވާނެ ކަމަށާއި، އިސްލާމީ މަރުކަޒުތައް ނެތް ރަށްރަށުގައި މިސްކިތްތަކުގައި އެ މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ޒުވާން ޚަތީބުން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުވެސް ފުޅާކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާތަނަށް 250 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށް ނިމިފައިވާ ކަމަށާއި، ރައީސް މުޢިއްޒުގެ މި ދައުރުތެރޭ 1000 ޒުވާން ޚަތީބުން ތަމްރީނުކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި 24 ދަރިވަރަކަށް ޙާފިޡުކަމުގެ ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިޖަލްސާގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ އާއި ދައުލަތުގެ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރިއެކްޝަންސް






