
އެމެރިކާގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި ހައިހޫނު ކަމުގެ ހަޅުތާލުގައި މަހެއް!
މިއީ އެމެރިކާގެ ބައެއް ޔުނިވަރސިޓީތަކުގެ ދަރިވަރުން ގުޅިގެން ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި ފެށި ހައިހޫނު ކަމުގެ ހަޅުތާލުގެ ވާހަކައެވެ. އިޒްރާއިލްގެ ޢަތުލްއާންމުގެ ތެރެއިން ރޭވިގެން ޣައްޒާގެ ރައްޔިތުންނަށް ޖައްސާފައިވާ ހައިހޫނު ކަމުގެ ހާލަތާ ދެކޮޅަށް އެދަރިވަރުން ދެއްކަމުންދާ ހިތްވަރުގަދަ ނަމޫނާއެވެ.
ދަރިވަރުންގެ ގްރޫޕްތަކުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ފަލަޞްތީނުގެ ހައްޤުގައި ވަކާލާތުކުރާ ދަރިވަރުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ފިއްތުންތަކަށް ސަމާލުކަން ހޯދުމުގެ މަޤްސަދާވެސް އެކު ފެށި ހަރާކާތެކެވެ.
މި ހައިހޫނު ކަމުގެ ހަޅުތާލުގައި ޔުނިވަރސިޓީ އޮފް ޔޭލް, ސްޓެމްފޯޑް ޔުނިވަރސިޓީ, އޮރެގަން ޔުނިވަރސިޓީ, ކެލިފޯނިއާގެ ހަތަރު ޔުނިވަރސިޓީއެއް, ލޯންބް ބީޗް, ސެން ހޯސޭ ގެ ޔުނިވަރސިޓީއެއް, ސެކްރަމެންޓޯ ސްޓޭޓްގެ ޔުނިވަރސިޓީއެއް, އަދި ސެން ފްރާންސިސްކޯ ސްޓޭޓްގެ ގެ ޔުނިވަރސިޓީއެއްގެ ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި އިތުރު ޔުނިވަރސިޓީތަކުންވެސް ހަރަކާތާ އަލަށްގުޅި ހަރަކާިތް ދަނީ ފުޅާވަމުންނެވެ.
ޔޭލް ޔުނިވަރސިޓީން ހަޅުތާލު ފެށީ ޑިގްރީއަށް ކިޔަވަމުންދާ ހަ ދަރިވަރިކާއި, ކުރިން އެޔުނިވަރސިޓީގައި ކިޔެވި ދަރިވަރަކާއެކުއެވެ. ހައިހޫނު ކަމުގެ ހަޅުތާލުކުރަމުންދާއިރު, ޔުނިވަރސިިޓިން އެމީހުންގެ ޑިމާންޑްތަކަށް ބޯލަނބަންދެން ހަޅުތާލު ކުރިއަށް ގެންދާނެކަމަށް ދަރިވަރުން ވަނީ ބުނެފައެވެ.
ޑިމާންޑް ތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާއިން އިޒްރާއިލްއަށް ހަތިޔާރުފޯރުކޮށްދިނުން ހުއްޓުވުމާއި, ހަޅުތާލު ކުރާ ދަރިވަރުންނަށް އަދަބު ނުދިނުމާއި, ފަލަޞްޠީގެ ބިމަށް ވެރިވެގަނެގެން އުޅޭ އިޒްރާއިލްގެ ބިންތަކަށް ދަތުރުކުރާ ދަރިވަރުން އެހެން ޖަމާއަތްތަކާއި އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކުރުމެވެ. މީގެ އިތުރުން ޣައްޒާއަށް އެކަށީގެންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބާރުއެޅުން މިއީ ދަރިވަރުންގެ އެންމެ ބޮޑު ޑިމާންޑެވެ.
ހަޅުތާލު ކުރިއަށް ގެންދާނީ ހަމައެކަނި ފެންބޮއިގެން ކަމުގައި ދަރިވަރުން ވަނީ ބުނެފައެވެ. މި ހަޅުތާލު ފަށާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހުއެވެ.
"ޣައްޒާގެ ކުޑަކުދިންނާއި ޢާއިލާތައް ތިބީ ބަނޑަށް ޖެހިފައި.އެހެންވެ އަހަރެމެން މިތިބީ ޣައްޒާގެ ރައްޔިތުންނާއެކު ކަން ހާމަކޮށް މިދެނީ.އަހަރެމެންނާއެކު އެމެރިކާގެ އެހެން ޔުނިިވަރސިޓީ ތަކުގެ ދަރިވަރިންވެސް މިކަމުގައި ބައިވެރިވޭ" ގްރޫޕްގެ ފަރާތުން ވާހަކަ ދެއްކި ދަރިވަރަކު ޕްރެސް ޓީވީއަށް ބުނެފައި ވެއެވެ.
މި ހަޅުތާލާ ގުޅިގެން ޔޭލް ޔުނިވަރސިޓީގެ ތަރުޖަމާނު ކަރެން ޕިއާޓް ބުނެފައިވަނީ ޔުނިވަރސިޓީގެ ދަރިވަރުންގެ ސިއްހަތާމެދު ކަންބޮޑުވާކަމަށާއި ނަމަވެސް އެކުދިންގެ ހިޔާލުފާޅުފުކުމުގެ މިނިވަންކަމަށް ފުރިހަމައަށް އިހްތިރާމް ކުރާ ކަމުގައެވެ. އަދި އެކުދިންގެ ހަޅުތާލަކީ ސުލްހަވެރިކަމާއެކު ކުރާ ކަމެއް ކަމަށާއި, އެެހެންކަމުން އެކަމަށް ޔުނިވަރސިޓީގެ ޤަވާއިދެއް ތަންދޭކަމަށެވެ.
އަަހަރެންގެ ބައެއް އެހެން ރަޙްމަތްތެރިން މި ހަޅުތާލު ކުރާތާ މަހެއްވަނީ މި. ފަލަޞްޠީނާ ގުޅުމެއްނެތް, އަދި އަރަބި ޤައުމަކަށް ނިސްބަތް ނުވާ އެތައް ދަރިވަރުންނެއް ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި އެމީހުންގެ ނަފްޞުން އެކުރަމުންދާ ޖިހާދު, ޣައްޒާގެ ރައްޔިތުންނަށް އެމީހުން އަޅާލާވަރު ފެނި އަހަރެން މިކަން މި ފެށީ. އަހަރެމެން ފަލަޞްޠީނުގެ ހައްޤުގައި ވަރަށް މަސައްކަތް ކުރަން. އެކަމަކު މިއަދާހަމައަށްވެސް އަހަރެމެންގެ ނަފްޞުން އެކަން ކުރަން ނުފެށި އޮތީ" މީގެ ދިހަ ދުވަސްކުރިން ހައިހޫނު ކަމުގެ ހަޅުތާލާ ގުޅުނު ސްޓެމްފޯޑް ޔުނިވަރސިޓީގެ 21 އަހަރުގެ ފަލަޞްޠީން ދަރިކޮޅުގެ ލުބުނާންގެ ދަރިވަރު ޢަބްދުالله އެމެރިކާގެ ނޫހަަކަށް ބުނެފައި ވެއެވެ.
ހަޅުތާލުގެ 9 ވަނަ ދުވަހު ޢަބްދުالله ވަނީ އަނބުރައިގަނެގެން ހޮސްޕިޓަލްގައި އެނދުމަތިވެސް ކޮށްފައެވެ.
"ޑޮކްޓަރުންބުނި އަހަރެންގެ ހިތުގެ ހިނގުން ހުރީ އާދައިގެ މީހަކަށްވުރެ 40 އިންސައްތަ މަތީގައޭ. ވަރަށް ބިރުގަތް ހޮސްޕިޓަލްގަ އެނދުމަތިކުރީމަ. އަަހަރެން ދުވަހަކުވެސް އެމްބިއުލާންސް އަކަށް ނާރަން" އޭނާ ބުނެފައި ވެއެވެ.
އޭނާ ބުނީ އެކަމަކު ފަލަޞްޠީނުގެ ރައްޔިތުން ދެ އަހަރެއްހާ ދުވަސް ވަންދެން އެ ކުރަމުން ގެންދާ ހިތްވަރަކީ އޭނާ އެކަމުގައި ދެމިހުރުމުގެ ހިތްވަރުކަމުގައެވެ. ލުބުނާނުގައި ދިރިއުޅޭ އޭނާގެ ފަލަޞްޠީނުގެ މާމަ އަތުގައި އަދިވެސް ފަލަޞްޠީނުގައި ހުރި މާމަގެ ގޭގެ ތަޅުދަނޑި އަދިވެސް އޮތް ކަމަށް އޭނާ ބުންޏެވެ. އެނބުރި ކޮންމެވެސް ދުވަހަކުން ގެއަށް ދެވޭނެ ކަމުގެ އުއްމީދުގައެވެ.
ތިން މަހެއްހާ ދުވަސް ވަންދެން ޣައްޒާއަށް އެއްވެސް މިންވަރަކަށް އިންސާނީ އެހީގެ އެތެރެކުރުމުގެ ފުރުޞަތު ނުދީ އޮތުމަށްފަހު ޤަައުމުތަކުގެ ފިއްތުންތަކާއެކު މީހެ ހަފުތާއެއްކުރިން މަދު އަދަދެއްގެ އެހީ ޣައްޒާއަށް އެތެރެކުރުމުގެ ހުއްދަ އިޒްރާއިން ދިނެވެ. ނަމަވެސް 11 ހަފްތާވަންދެން ބަނޑަށް ތިބި ދެ މިލިއަނެއްހާ މީހުންނަށް މިއީ 'ކަނޑަށް ވައްޓާލި ފެންތިއްކެކެވެ'.
"އަހަންނަށް މިހާބޮޑަށް ފަލަޞްޠީނުގެ މި ކަންތަކާ ރޫހާނީ ގޮތުން ނުގުޅެވޭ ހައިހޫނު ކަމުގެ ހަޅުތާލު ކުރަން ފެށުމުގެ ކުރިންނެއް. އެކަމަކު މިހާރު އަހަންނަށް އެބަ އިޙްސާސް ކުރެވޭ އެމީހުންގެ ވޭން. އަަހަންނަށް މިކަން ކުރެވޭ އެންމެ ބޮޑު ސަބަބަކީ ކޮންމެ އިރެއްގައިވެސް އެއްޗެއް ކެވިދާނެކަން އެނގޭތީ. އެކަމަކު ފަލަޞްޠީނުގެ ރައްޔިތުން އެ ހައިހޫނުކަން ކަނޑުވާނީ ކިހިނެތް!" ހަޅުތާލުގައި ބައިވެރިވާ އެހެން ދަރިވަރެއް ކަމުގައިވާ 22 އަހަރުގެ ފިއާ ޑޯންބާގް ބުންޏެވެ.
ޔުނިވަރސިޓީ އޮފް އޮރެގަންގައި ތައުލީމް ހާސިލްކުރާ ޑޯންބާގް ހައިހޫނު ކަމުގެ ހަޅުތާލު ކުރިއަށް ގެންދާތާ މިއަށް ހަފްތާއެއް ވީއެވެ.އޭނާ ބުނީ މިއީ ނަފްސާނީ ގޮތުންވެސް އުނދަގޫ ކަމެއް ކަމަށާއި, މިކަމުގައި އެންމެ އުނދަގޫ ވަގުތުތަކުގައި ޣައްޒާގެ އާއިލާތަކާ ވާހަކަ ދައްކާލަން ލިބުމަކީ ކުރިއަށްދާން ލިބޭ އިތުރު ހިތްވަރެއް ކަމުގައެވެ. "އެއީ އެމީހުންނަށް އަންގައިދީގެން އަހަރެމެން އެމީހުންނަށްޓަކައި އެބަ ހިތްވަރުކުރާކަން. އެމީހުންނަށް ކުޑަނަމަވެސް އުއްމީދެއް ދެވޭތޯ" އޭނާ ބުންޏެވެ.
ހައިހޫނުކަމުގެ ހަޅުތާލަކީ ފަލަޞްތީނުގެ ރައްޔިތުން އަދި އެމީހުނަށް ހެޔޮއެދޭ މީހުން އިޒްރާއިލްގެ އަނިޔާވެރިކަމުގެ ކުރިމަތީގައި އިޙްތިޖާޖެ ކުރުމުގެ ގޮތުން ބޭނުންކުރާ އުކުޅެކެވެ. 1968 ގައި ނަބްލަސްގެ ޖަލެއްގައި ތިބި ފަލަޞްޠީނުގެ ޤައިދީންތަކެއްވެސް ހައިހޫނު ކަމުގެ ހަލުތާލެއް ކުރިއެވެ. އެއީ ޖަލުތަކުގެ ހާލަތު ދަށްކަމުން ކުރި މި ހަޅުތާލެލެވެ.
1970ގައި އިޒްރާއިލްގެ ޖަލެއްގައި ހުރި ނީވް ޓިރްޒާ ކިޔާ އަންހެނަކު އިސްވެ އެޖަލުގައި 9 ދުވަހުގެ ހައިހޫނުކަމުގެ ހަޅުތާލެއް ކުރިއެވެ. އެއީ ޖަލުގައި މައްސަރު ދުވަސްވަރު އެމީހުން ބޭނުންކުރާ ސެނިޓަރީ ޕެޑްސް ނުލިބޭތީ ކުރި އިޙްތިޖާޖެކެވެ.
1980 ގައި ފަލަޞްޠީނުގެ ތިން ޤައިދީއަކު ނަފްހާ ޖަލުގެ ހާލަތު ދަށްވެ އިންސާނުން ބައިތިއްބަން އެކަށީގެންނުވާ ތަނަކަށްވުމުން އެކަމާ ދެކޮޅަށް 33 ދުވަހުގެ ދިގު ހައިހޫނު ކަމުގެ ހަޅުތާލެއް ކުރިއެވެ އެފަހަރު އެ ތިން ގައިދީން ވަނީ އިޒްރާއިލްގެ ޖަލު އޮފިސަރުން ގަދަކަމުން ކާންދިނުމުގެ ސަބަބުން ނިޔާވެފައެވެ. މިފަދަ ކޮންމެ ހަޅުތާލަކާއެކުވެސް ނަތީޖާ ވަނީ ފެނިފައެވެެ.
ހަލުތާލުގައި ހަރަކާތްތެރިވާ އެހެން ބައިވެރިއެއް ކަމަށްވާ ޑްރީޗް ބުނީ އޭނާއަށް ފަލަޞްޠީނުގެ މިނިވަންކަމަށްޓަކައި ކުރާ ހައިހޫނު ކަމާގުޅޭ ހަޅުތާލުތަކުގެ ދިގު މާޒީ އެނގޭ ކަމަށާއި, އަލްޖީރިއާ މިީހެއްގެ ހައިސިއްޔަތުން ފަރަންސޭސީންގެ އިސްތިއުމާރުން މިނިވަންވާން އުފެއްދި އަލްޖީރިއާގެ އިންގިލާބުގައި އޭނާގެ އާއިލާގެ މީހުންވެސް ބައިވެރިވެފައިވާތީވެ, މިކަން ކުރަން އުނދަގޫ ނޫންކަމުގައެވެ.
"އަހަންނަށް ޔަޤީން އަހަންނަށް މިކަމުގަ ދެމިހުރެވޭނެކަން. އެމީހުން (ފަލަޞްޠީނުގެ ރަައްޔިތުން) އެއީ އަހަރެމެންގެ އަހުންނާއި އުހުތުން. އެމީހުން ކޮންމެ ދުވަހަކު ބަނޑަށް ތިބޭއިރު އެމީހުންނަށްޓަކައި އަހަރެމެންނަށް މިވަރު ކަމެއް ނުވާންވީ ކީއްވެ!" އޭނާ ބުންޏެވެ.
ރިއެކްޝަންސް






