އިޒްރާއިލްއިން ފޭރިގަތް ޣައްޒާގެ ޅަފުރާ!
ޣައްޒާގެ ކުޑަކުދިންތަކެއް ފެން އުފުލަނީ. ދުވާލަކު އެތައް ގަޑިއިިރެއް ބޯފެން ތިއްކެއް ހޯދަން އެކުދިން ހޭދަކުރޭ

އިޒްރާއިލްއިން ފޭރިގަތް ޣައްޒާގެ ޅަފުރާ!

17 hours ago - 11:00
Apr 19, 2025 - 11:13

އިޒްރާއިލްއިން ޣައްޒާގައި ކޮންމެ 45 މިނިޓް އަކުން ކުޑަ ކުއްޖަކު ޝަހީދު ކުރެއެވެ. އެއީ ފާއިތުވެ ދިޔަ 555 ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކަށް 30 ކުޑަ ކުދިންނެވެ.

އޮކްޓޯބަރު 7, 2023 ން ފެށިގެން މިއަދާ ހަމައަށް އިޒްރާއިލްއިން ޣައްޒާގެ 17,900 ކުޑަ ކުދިން ޝަހީދުކޮށްފިއެވެ. އޭގެ ތެރެއިން 15,600 ކުދިންނަކީ ކޮން ބައެއްކަން ވަނީ ކަށަވަރުކުރެވިފައެވެ. ޤަބޫލުކުރެވޭ ގޮތުގައި ސުންނާފައިވެފައިވާ އިމާރާތް ތަކުގެ ދަށުގައި ވަޅުލެވިފައިވާ ކުދިން މިދުނިޔެއާ މިހާރު ވަނީ ވަކިވެގެން ގޮސްފައެވެ.

ދިރި ތިބި ހަމަ ކޮންމެ ކުޑަކުއްޖެއްވެސް ތަޙައްމަލް ކުރަމުންދަނީ އިންތިހާ ވޭނެވެ. މައިންބަފައިންނާއި އާއިލާ މެމްބަރުން ލޯކުރިމަތީގައި ގެއްލިދިއުމުގެ ހިތާމައެވެ. ނިދާފައިތިއްބާ ޓެންޓަށް ބޮންއަޅާ އަންދާލި އެތައް ހާދިސާއެއް ކޮންމެ ދުވަހަކު ލޯކުރިމަތީގައި ތަކުރާރުވަމުން ދަނީއެވެ. 39,000 ކުޑަކުދިން ޣައްޒާގައި ވަނީ ޔަތީމްވެފައެވެ.

Advertisement

ރައްކާތެރި ކާބޯތަކެތި ނުލިބި ބަނޑުހައި ހޫނުކަމުގައި ކުޑަކުދިން ކަށީގެ އޮނިގަނޑުތަކަށް ވެއްޖެއެވެ. ކާނާއާއި ބޯފެން ނުލިބި, ބަނޑަށް މަރުވުމުގެ ތުންފަތް މަތީގައި މިހާރުވެސް 3,500 ކުދިން އެބަތިއްބެވެ. ޣައްޒާއިން ވަނީ ކުޑަކުދިންނަށް ދޭ ފޮމިއުލާ އެއްކޮށް ހުސްވެފައެވެ.

ޣައްޒާގައި ކުޑަކުދިންނަށް ބާކީ އޮތީ ކޮން އެއްޗެއް!

ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ފާއިތުވި 18 މަސްދުވަހުގެ ޤަތުލްއާންމުގައި ޢައްޒާގެ ސްކޫލްތަކާއި ގެތައް އަދި ހޮސްޕިޓަލްތަކަށް ބޮންއަޅާ އިޒްރާއިލްއިން ވަނީ މުޅި ޣައްޒާ ސުންނާފަތިކޮށްލާފައެވެ.

100 ކުޑަކުދިން ތިބި ތަނެއްގައި މި ކިޔާދޭ ކަންކަން ހިޔާލަށް ގެނެސްބަލާށެވެ:

·      2 ކުދިން ވަނީ ޝަހީދުކުރެވިފައި

·      2 ކުދިން ގެއްލިފައި, ބެލެވޭގޮތުގައި ދުނިޔެ ދޫކޮށްފައި

·      3 ކުދިން ވަރަށް ބޮޑަށް ޒަޙަމްވެފައި

·      5 ކުދިން ޔަތީމުންނަށް ވެފައިނުވަތަ އާއިލާ އާ ވަކިވެފައި

·      5 ކުދިންނަށް އެކަށީގެންވާ ކާނާ ނުލިބި މަރުގެ ތުންފަތް މަތީގައި

ބާކީ ތިބި ހުރިހާ ކުދިންގެ ގައިގައި ނުފެންނަ ޒަޙަމްތަކެއް އެބަހުއްޓެވެ. ހަނގުރާމައިގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި އެކު މުސްތަޤުބަލުގެ ރައްކާތެރިކަން ވަނީ ޔަޤިންނުވެފައެވެ.

އިޒްރާއިލްއިން ޝަހީދުކޮށްލި ކުދިންނަކީ ކޮންބައެއް!

އެއީ ޣައްޒާގެ އަންހެން ކުދިންނާއި ފިރިހެންކުދިންނެވެ. ކޮންމެ ކުއްޖަކީވެސް ނިޔަނެތި މައުސޫމް ކުއްޖެކެވެ. އުފާވެރި ވައިރޯޅިއެއްހެން އެކުދިންގެ ޅަފުރާ އުފާވެރިކަމާއެކު ހޭދަކުރުމުގެ ހައްޤު ނިޣުޅައިގެންފައިވާ ކުދިންނެވެ.

އިޒްރާއިލްއިން ޝަހީދުކުރި ކުދިންގެ ތެރެއިން ޑޮކިއުމެންޓް ކުރެވިފައިވާ ކުދިންނަކީ:

·      އެކުދިންގެ ފުރަތަމަ އުފަންދުވަސް ވެސް ފާހަގަ ނުކުރާ ތުއްތު 825 ކުދިން

·      އެކުދިންގެ ފުރަތަމަ ފިޔަވަޅު ކިރިޔާ ބިމުގައި ހަރުލާ އުމުރުގެ, އެއް އަހަރުގެ 895 ކުދިން

·      ހެދި ބޮޑުވުމުގެ ފުރަތަމަ މަރުހަލާއާއި, ޕްލޭސްކޫލް ފަށާ އުމުރުގެ 3,266 ކުދިން

·      ކްލާސްރޫމްތައް ފަޅުކޮށްފައިދިޔަ އުމުރުން 6 އަހަރާއި 10 އަހަރާ ދެމެދުގެ 4,032 ކުދިން

·      އިޒްރާއިލްއިން ޣައްޒާގައި 2012,2014 އަދި 2021 ގައި ހިންގި އުދުވާނު ދެކުނު ޕްރައިމަރީ ގްރޭޑް ތަކުގެ 11 އަހަރާއި 14 އަހަރާ ދެމެދުގެ 3,646 ކުދިން

·      ދުނިޔެއަށް ހޯ ހުޅުވެމުންދިޔަ, އަދި އެކުދިން ދެކެމުން އައި ހުވަފެންތައް ދޫކޮށް ވަކިވި 15 އަހަރާއި 17 އަހަރާ ދެމެދުގެ 2,949 ކުދިން ( މިކުދިން 2008-09, 2012,2014, 2021 ގެ އުދުވާނު ދެކި ނިމިގެން އެދިޔައީ ފަސްވަނަ އުދުވާނުގައި)

·      އެއީ 8,899 ފިރިހެން ކުދިންނާއި 6,714 އަންހެން ކުދިންނެވެ.

މާޗު 18 ވަނަ ދުވަހު އިޒްރާއިލްއިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ފުލުފުލުގައި 100 ހަމަލާ ދިނެވެ. ޖެހިގެން އައި 36 ގަޑިއިރު ތެރޭގައި 436 މީހުން ޝަހިދުކޮށްލިއެވެ. އޭގެ ތެރޭގައި 183 ކުޑަކުދިން ހިމެނެއެވެ.

"އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ. ދާށެވެ. ސުވަރުގެ ދާށެވެ ދަރިފުޅުގެ ހުރިހާ ކުޅޭތަކެތި އެތަނުގައި ހުންނާނެއެވެ" އަލް-މަވާސީ ރެފިއުޖީ ކެމްޕަށް ދިން ހަމަލާގައި އޭނާގެ މާބަނޑު އަނބިމީހާ އަފްނާން އާއެކު ޝަހީދުވި އެއް އަހަރުގެ މުޙައްމަދު އަބޫ-ހިލާލްގެ ދިރުންނެތް ހަށިގަނޑު އަތްމަތީގައި ބާއްވައިގެން ހުރެ ހިތްހަމާކުވެފައި ހުރި ބައްޕަ ގޮވަމުން ދިޔައެވެ.

މުޙައްމަދު އަކީ އެއް އަހަރުގެ 895 ކުދިންގެ ތެރޭގައި ހިމެނޭ 'މުޙައްމަދު' ގެ ނަމުން ނަންދެވިފައިވާ ކުދިންގެ ތެރެއިން އިޒްރާއިލްއިން ޝަހީދުކޮށްލި 935 ވަނަ ކުއްޖާއެވެ.

ސޯލް އޮފް ސޯލް: ރީމް

ނުސީރަތު ރެފިއުޖީ ކޭމްޕްގައި 2023 ނޮވެމްބަރުގައި ޝަހީދުކޮށްލި ތިން އަހަރުގެ ރީމްގެ ވާހަކަ އެންމެންވެސް ހަނދާން ހުންނާނެއެވެ. ރީމް ޝަހީދުކޮށްލީ އޭނާގެ 5 އަހަރުގެ ބޭބެ ތާރެޤް އާއެކުއެވެ. ރީމްގެ މަރަށްފަހު ރީމް ގެ ކާފަ ޚާލެދް ނަބްހާން އެ ކުޑަކުއްޖާގެ ފުރާނަނެތް މަސްގަނޑުގައި ބޮސްދީ "ތިއީ އަހަރެންގެ ރޫހުގެ ރޫހޭ" ގޮވަމުންފިޔަ ދިޔުން ހިތުން ފިލައިގެން ނުދާނެއެވެ.

އިޒްރާއިލްގެ ހަމަލާއެއްގައި ޙާލެދް ޝަހީދުކޮށްލީ 2024, ޑިސެމްބަރު 16 ގައެވެ.

މި ގޮތަށް ކިތަށް ކިތަށް ހުވަފެން ހަޤީގަތަކަށް ނުވެ, ޅަފުރާ ފޭރިގެންފައި ވެއްޖެހެއްޔެވެ! 355 ވަޒަން އަރާފައިވާ ކާރުގައި އާއިލާގެ މީހުންނާއެކު ޝަހީދުކޮށްލާފައި އޮތް ހިންދު ރަޖަބްއެވެ. ބައްޕަ ފަދައިން ނޫސްވެރިއަކަށް ވުމުގެ ހުވަފެން ދެކެމެން އައި 15 އަހަރުގެ މަޙްމޫދްއެވެ. ހިތްވަރުގަދަ ނޫސްވެރިޔާ ވައެލް ދަދޯހް ފަދައިންނެވެ. އިޒްރާއިލްގެ ވަރުގަދަ ހަމާލާތަކުގައި އަތާއި ފައި ނެތިގިސްފައިވާ ޣައްޒާގެ 7000 ށްވުރެ ގިނަ ކުޑަކުދިންނެވެ. އެ ހުރިހާ ކުދިންގެ ޅަފުރާ, އަދި މުޅި މުޞްތަޤުބަލު އިޒްރާއިލްއިން, އަނިޔާވެރި ސަޙްޔޫނީން ވަނީ ފޭރިގެންފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow