
އެމެރިކާއިން 1500 އެއްހާ ބިދޭސީ ދަރިވަރުންގެ ވިސާ ކެންސަލްކޮށްފި
ވިސާ ކެންސަލްކުރީ ޔުނިވަރސިޓީ ކެމްޕަސްތަކުގައި ފަލަޞްޠީނާ އެއްކޮޅަށް އިޙްތިޖާޖުކުރި ދަރިވަރުންނަށް އަމާޒުކޮށްގެން
އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި މި ފަހުން ގްރެޖްއޭޓްވި ދަރިވަރުން ހިމެނޭހެން 1500 އެއްހާ ދަރިވަރުންގެ ވިސާ އެމެރިކާ ސަރުކާރުން ކެންސަލްކޮށްފިއެވެ.
ވިސާ ކެންސަލްކުރި ދަރިވަރުންގެ ތެރޭގައި ގިނައިން ހިމެނެނީ 2024 ވަނަ އަހަރު އެމެރިކާގެ ޔުނިވަރސިޓީތަކުގައި ފަލަޞްޠީނާ އެއްކޮޅު އެއްވުންތަކުގައި ބައިވެރިވި ފަރާތްތަކެވެ. މީގެ އިތުރުން ފަލަޞްޠީނާ ނުސިދާ ގުޅުންހުރި ފަރާތްތަކައި މީސްމީޑިއާގައި ފަލަޞްޠީނަށް ތާއީދުކޮށް ހިޔާލުފާޅުކޮށްފައިވާ ފަރާތްތައްވެސް ހިމެނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުން ދެކެނީ މި ދަރިވަރުންނަނީ ޔަހޫދީންނާމެދު ނަފުރަތު އުފައްދާ ބައެއްގެ ގޮތުގައެވެ. ނަމަވެސް އެމެރިކާގައި, އަދި ޔުނިވަރސިޓީ ކެމްޕަސްތަކުގައިވެސް ޔަހުދީ ދަރިކޮޅުގެ އެކްޓިވިސްޓުންވެސް ވަނީ ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން ގެންދާ އުދުވާނާ ދެކޮޅަށް އިޙްތިޖާޖު ކޮށްފައެވެ.
ފާއިތުވެދިޔަ މާޗު މަހު އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް މާކޯ ރުބީނޯ ވިދާޅުވެފައިވަނީ ވިސާ ކެންސަލްކުރީ 300 އެއްހާ ދަރިވަރުންގެ ކަމުގައެވެ. ނަމަވެސް އެމެރިކާގެ މަތީ ތައުލީމުގެ މައުލޫމާތު އާންމުކުރާ ވެބްސައިޓް; އިންސައިޑް ހަޔަރ އެޑް އިން ހާމަކުރި ގޮތުގައި އެޕްރީލް 17 ގެ ނިޔަލަށް 1,489 ދަރިވަރުންގެ ވިސާ އެމެރިކާ ސަރުކާރުން ވަނީ ކެންސަލްކޮށްފައެވެ.
އެމެރިކާގެ އިމިގްރޭޝަން ލޯޔާސް އެސޯސިއޭޝަން ބުނިގޮތުގައި 4,700 ދަރިވަރުން ވަނީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓުން ބަލަހައްޓާ ސްޓްޑެންޓް އެންޑް އެކްސްޗޭންޖް ވިޒިޓަރ އިންފޮމޭޝަން ސިސްޓަމުންވެސް އުނިކޮށްފައެވެ.
މިގެ އިތުރުން, ނެޝަނަލް އެސޯސިއޭޝަން ފޮރ ފޮރިން ސްޓްޑެންޓްސް އެޑްވައިޒަރސް އިން އެސްޓިމޭޓް ކޮށްފައިވާ ގޮތުގައި 1400 އަށް ވުރެ ގިނަ ކުދިން އަނބުރާ އެމެރިކާއަށް ނާދެވޭގޮތަށް ޑީ-ޕޯޓް ކުރުމަށްވެސް އެމެރިކާ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
އެމެރިކާ ސަރުކާރުގެ މި ނިންމުމުގެ އަސަރު އެޤައުމުގެ 240 ށްވުރެ ގިނަ ޔުނިވަރސިޓީއަށް ކުރާނެކަމަށް އިންސައިޑް ހަޔަރ އެޑް އިން އަންދާޒާކުރެވެއެވެ. އޭގެ ތެރޭގައި މޮޅު, ނަންހިގާ ޔުނިވަރސިޓީތައް ކަމަށްވާ ހާވަޑް ޔުނިވަރސިޓީ, ޕްރިންސްޓަން, އޮހިއޯ ސްޓޭޓް ޔުނިވަރސިޓީ, ކޮލަމްބިއާ ޔުނިވަރސިޓީ, ޔުނަރސިޓީ އޮފް މޭރީ ލޭންޑްވެސް ހިމެނެއެވެ.
ވިސާ ކެންސަލްކުރުމާ ގުޅޭ ގޮތުން މާކް ރުބީނޯ ބުނީ އެމެރިކާއިން އެކްޓިވިސްޓުން އިމްޕޯޓް ނުކުރާ ކަމުގައާއި އެމީހުން އަންނަންޏާ އަންނަންޖެހޭނީ ކިޔަވަން ކަމުގައެވެ.
ރިއެކްޝަންސް






