
ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން- ވަޒީރު
ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިސަރުކާރުން 55 ކައުންސިލް އިދާރާ އަޅަން ހަވާލުކުރި ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުން ނިމުމަކަށް ގެނައި ވާހަކަ ފެންމަތިވުމުންނެވެ.
ވަޒީރު ވިދާޅުވީ 55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާތިލްކޮށްފައި ކަމަށެވެ. އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް ހެކްސްޓާއިން ބަލައިނުގަތުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއްބަސްވުން ބާތިލްކުރި ނަމަވެސް އެކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މިމަސައްކަތް އެހެން ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން." ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ޖެނުއަރީ މަހު ހެކްސްޓާއާއެކު އެއްބަސްވުމުގައި ސޮއިކުރިނަމަވެސް, ސޮއިކުރުން ފިޔަވާ އެއްވެސް ކަމެއް މިހާތަނަށް ނުހިނގައެވެ.
ރިއެކްޝަންސް






