
ހަމާސްއަށް ގޮތްހުސްކޮށްލުމަށް އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުންގެ ވައިނޮޅީގައި ހިފުމަކީ ނުރައްކާތެރި އަމަލެއް
އިޒްރާއިލްގެ އަނިޔާވެރިކަމުގެ އިންތައް ފަހަނައަޅާ މި ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޣައްޒާއަށް ކާބޯތަކެތީގެ އެއްވެސް މިންވަރެއް ވަނަނުދިނުމަށް އެންގި އެންގުމަކީ އިންސާނިއްޔަތާ ޚިލާފް އަމަލެކެވެ. އދ އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެހެން ފަރާތްތަކުންވެސް ވަނީ އެކަމާ ގުޅިގެން އިޒްރާއިލްއަށް ފާޑުކިޔާ އެއީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފް ކަމެއްކަމަށް ބުނެފައެވެ.
"އެއީ ބިރުދެއްކުމުގެ ހަތިޔާރެއް. އަދި އޭގެ ބޮޑުމިން އަންދާޒާ ކުރުމެއްނެތް 'ކަލެކްޓިވް ޕަނިޝްމަންޓެއް" ސައުދީ އަރަބިއާގެ ހާރިޖީ ވަޒީރު ބުނެފައި ވެއެވެ. އަދި ހަމަލާތައް މެދުކަނޑާލުމުގެ އެބަސްވުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ މިޞްރުން ބުނީ އިޒްރާއިލްގެ އެ އަމަލަކީ 'ބަނޑަށް ބޭއްތިއްބުން ހަތިޔާރެއްގެ ގޮތުގައި' ބޭނުންކުރުމުގެ އަމަލެއް ކަމުގައެވެ.
މުޅި ހަނގުރާމައިގައިވެސް ބަނޑުހައިހޫނު ކަމަކީ 2.3 މިލިއަން އާބާދީގެ ޣައްޒާގެ އެންމެ ބޮޑު މައްސަލައެވެ. އޭރުވެސް ހައިހޫނުކަމާއެކު ބޮޑު އިންސާނީ ކާރިޘާ އެއް ޣާއްޒާއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދިޔައީ ދެމުންނެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތީގެ ސަޕްލައި އެތެރެވުން ހުއްޓުވުމަކީ އިޒްރާއިލްއިން ހަމާސް ގޮތްހުސްކޮށްލުވުމުގެ ގޮތުން ހިންގި ނުރައްކާތެރި އަމަލެކެވެ. އިޒްރާއިލްއިންވަނީ ހަމާސްއިން އިޒްރާއިލްގެ ހުށަހެޅުމަށް އާނ ބަސް ބުނުވުމަށް އިތުރު ކަންކަން ކުރިމަތި ކުރުވާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
އިޒްރާއިލްއިން ބޭނުންވެގެން މިއުޅެނީ ކޮންކަމެއް!
އިޒްރާއިލްގެ މަޤްޞަދަކީ އެއްބަސްވެވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ ފުރަތަމަ ފިޔަވަހި ދިގުދަންމާލުމެވެ. އަދި އެމުއްދަތުގެ ތެރޭގައި ހަމާސްގެ އަތްދަށުގައި ބާކީތިބި ރަހީނުން މިނިވަންކުރުމަށް ހަމާސްއަށް މަޖުބޫރު ކުރުވުމެވެ. އަދި އެއީ އެމެރިކާއިންވެސް އެކަން ކުރަން ރާވާފައިވާ ގޮތެވެ. ދެވަނަ ފިޔަވައްސައް އިޒްރާއިލްއިން އެއްބަސްވުން ގެންދަން ބޭނުންނުވާ މައިގަނޑު ސަބަބަކީ އެފިޔަވަހީގެ ދަށުން އިޒްރާއިލްއިން ޣައްޒާގެ ބިންތަކުން މުޅިން ފައިބާ ދާއިމީކޮށް ހަނގުރާމަ ހުއްޓާލަން ޖެހުމެވެ. މިއީ އިޒްރާއިލްއިން ޢައްޒާގައި ހިންގަމުންގެންދާ ނަޞްލު ނައްތާލުމުގެ ހަނގުރާމައަށް މެދުކެނޑުމެއް އަންނާނެ ކަމެކެވެ. އެހެންކަމުން ހަމާސްއަށް ގޮތްހުސްވެ އިޒްރާއިލްގެ ހުށަހެޅުމަށް އާބަސް ބުނުވަން މަޖުބޫރު ކުރުވުމުގެ ގޮތުން އިޒްރާއިލްއިން އެންމެފަހުން މި ހިފީ ޣައްޒާގެ ރައްޔިތުންގެ ވައިނޮޅީގައެވެ.
ހަމާސްއިން އަމާންދީ އިޒްރާއިލްގެ ހުށަހެޅުމަށް ރުހިއްޖެނަމަ ހަރުފަ މަރާލެވި ލަޓިބުރިވެސް ސަލާމަތްވީއެވެ. އެއީ ބާކީ ތިބި ރަހީނުން މިނިވަންކުރެވި, ޣައްޒާގެ ބިމުގައި އިޒްރާއިލްއިން ދާއިމަށް ޤާއިމްވެ ތިބުމެވެ. އަދި ހަމާސްގެ ބާރު ކަނޑުވާލާ މުޅި ޣައްޒާ އިޒްރާއިލްގެ ބާރުގެ ދަށަށް ގެނައުމެވެ. އަދި ދާއިމީކޮށް ހަމަލާތައް ހުއްޓާލަން ނުޖެހި ޣައްޒާ ހަނގުރާމަ ކާމިޔާބުކުރުމެވެ.
ހަމާލަތައް މެދުކަނޑާލުމުގެ ފުރަތަމަ ފިޔަވަހި އާދިއްތަ ދުވަހު ވަނީ ރަސްމީކޮށް ނިމިފައެވެ. އޭގެ މަދު މިނިޓްކޮޅެއް ފަހުން އިޒްރާއިލްއިންވަނީ ފުރަތަމަ ފިޔަވަހީގެ މުއްދަތު އިތުރުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އެއީ އެޕްރީލް މަހުގެ މެދަކާ ހަމައަށެވެ. އިޒްރާއިލްއިން ވަނީ ފުރަތަމަ މަރުހަލާ ނިމުމާއެކު ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ނަމަވެސް ހަމަލާތައް ރަސްމީކޮށް ނުފެށުމަކީ މީގެ މަހެއްކުރިން ފެށޭނެ ކަމަށް ބެލެވުނު ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކޮންމެވެސް ސިފައެއްގައި ކުރިއަށްދާ ކަމުގެ ހެއްކެކެވެ.
އިއްޔެ އިޒްރާއިލްއިން ވަނީ ޣައްޒާއަށް ކާބޯތަކެތީގެ އިތުރުން ޒަރޫރީ އެއްވެސް އެއްޗެއް އެތެރެ ކުރެވޭނެ ހުރިހާ މަގެއް ބަންދުކޮށްފައެވެ. އަދި ޣައްޒާއަށް އެކަށީގެންވާ މިންވަރަށް މިހާރު ކާބޯތަކެތީ އެތެރެކުރެވިފައިވާ ކަމަށްވެސް އިޒްރާއިލްއިންވަނީ ބުނެފައެވެ.
ދުވާލަކު 600 ޓްރަކްގެ އެހީ ޣައްޒާއަށް ވަންނަންޖެހޭ. ކަން ހިނގިގޮތަކީ ކޮބާ!
ހަމަލާތައް މެދުކަނޑަލުމުގެ އެއްބަސްވުމުގެ ދަށުން ޖެނުއަރީ 19 ން ފެށިގެން ޣައްޒާއަށް ދުވާލަކު 600 ޓްރަކްގެ އެހީގެ ސާމާނު އެތެރެކުރަން ހުއްދަދުނުމަކީ އެއްބަސްވުމުގެ މާއްދާއެވެ. އެއީ އެއްބަސްވުމުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމެންދެން ދިގުދެމިގެންދާ ގޮތަށް ލިޔެފައި އޮތް މާއްދާއެކެވެ. ނަމަވެސް ކާބޯތަކެއްޗާއި, ބޭހާއި, ފެން އަދި ތެލުގެ ގޮތުގައި އެތެރެވާންޖެހޭ އެހީގެ 50 އިންސައްތަވެސް ޣައްޒާއަށް އެތެރެވެފައި ނުވާކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.
އިޒްރާއިލް ގެ މި ނިންމުން އިއުލާން ކުރީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޣައްޒާގެ ސުންނާފަތިވެފައިވާ މަގުތަކުގެ މެދުގައިދިގު މޭޒު އަތުރާ ޣައްޒާގެ ރައްޔިތުން ބޭއްވި ރޯދަ ވީއްލުމުގެ ފޮޓޯތައް ދައުރުވީތާ މަދު ގަޑިއިރުކޮޅެއްގެ ފަހުންނެވެ. އިޒްރާއިލްގެ މި ފިޔަވަޅާއެކު ޣައްޒާގެ ބާޒާރުގައި ހުރި މަދު ތަކެތީގެ އަގު ވަނީ ވަގުތުން އިންތިހާއަށް އުފުލިފައެވެ.
ޤާނޫނީ ތަޖުރިބާކާރުން ބުނަނީ ކީކޭ!
ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ދަނީ އިޒްރާއިލްގެ މި ނިންމުމަކީ ހުރިހާ މާނައެއްގައި ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފް ވުމެވެ.
"ބައިނަލް އަޤްވާމީ ޤާނޫނު ވަރަށް ސާފު. ޣައްޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ބޭނުންވާ އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދޭންޖެހޭ" އދ ގެ އިންސާނީ އެހީތެރިކަމާގުޅޭ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވިއެވެ.
އިޒްރާއިލްގެ ނިންމުން އިއުލާން ކުރިތާ ގަޑިއިރުތަކެއްފަހުން ފަސް ޖަމާއަތަކުންވަނީ އިޒްރާއިލްގެ ސްޕްރީމް ކޯޓުގައި އިޒްރާއިލް ސަރުކާރުގެ ނިންމުން ބާތިލްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ. އެގޮތަށް އެދުމުގައި އިޒްރާއިލްއިން ބައިނަލްއަޤުވާމީ ގާނޫނޫތަކަށް ބޯލަނބަންޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެހެން ނުވާނަމަ އިޒްރާއިލް އިން ހަނގުރާމައިގެ ޖަރީމާހިންގާކަމަށް ކަނޑައެޅިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ފާއިތުވި އަހަރު ބައިނަލް އަޤުވާމީ ޖިނާއީ ކޯޓުންވެސް ވަނީ އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުންނާ މެދު ހިންގާ އަމަލުތަކަކީ ގަސްތުގައި ހަނގުރާމައިގެ މަޤްޞަދު ޙާސިލްކުރަން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުންކަމަށް ބެލެވޭނެ އަމަލެއްކަމަށް ބުނެފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ކުރީގެ ވެރިޔާ ކެނެތް ރޮތް ވިދާޅުވީ އިސްތިއުމާރީ ބާރަކުން, އިސްތިއުމާރު ކުރެވޭ ފަރާތަކަށް އިންސާނީ އެހީތެރިކަން ލިބޭނެ އެންމެހާ މަގުތައް ފަހި ކުރުމަކީ ޖެނިވާ ކޮންވެންޝަނުގެ ދަށުން އިސްތިއުމާރީ ބާރުގެ ޒިންމާއެކެވެ. އަދި މީގެ ކުރިންވެސް އިޒްރާއިލްއިން އެގޮތަށް އަމަލުކޮށްފައި ވުމަކީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުމުގެ އެންމެބޮޑު އެއް އަސާސް ކަމުގައެވެ.
ރިއެކްޝަންސް






