ބަލްގޭރިއާގެ "ގަލިވް އެއާ" އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

ބަލްގޭރިއާގެ "ގަލިވް އެއާ" އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

1 hour ago - 22:06
Advertisement
Advertisement

ބަލްގޭރިއާގެ އެއާލައިނެއް ކަމަށްވާ "ގަލިވް އެއާ" އިން ރާއްޖެއަށް ސީދާ ޝެޑިއުލް ދަތުރުތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ.


އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، ވިލާތުގެ ފިނިމޫސުމާ ދިމާކޮށް ފަށާ މި ދަތުރުތަކަކީ ބަލްގޭރިއާއާއި ރާއްޖެއާ ދެމެދު ބާއްވާ ފުރަތަމަ ސީދާ ޝެޑިއުލް ދަތުރުތަކެވެ. ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މާޗު 26 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ތާވަލުކޮށްފައިވަނީ ހަފުތާ ބަންދާ ދިމާކޮށެވެ.


މި ދަތުރުތަކުގެ ތަފްސީލަށް ބަލާއިރު، ބަލްގޭރިއާގެ ވެރިރަށް ސޯފިއާއިން މާލެއަށް ކޮންމެ ހޮނިހިރު ދުވަހަކު ދަތުރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލެއިން ސޯފިއާއަށް ދަތުރުތައް އޮންނާނީ ކޮންމެ ހުކުރު ދުވަހަކުއެވެ. ގަލިވް އެއާއިން ބުނި ގޮތުގައި މި ދަތުރުތައް ރާވާފައިވަނީ ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށާއި ރަސްމީ ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް އެންމެ ލުއިފަސޭހަވާނެ ގޮތްތަކަށް ބަލައިގެންނެވެ.


މައިގަނޑު ގޮތެއްގައި އެއާބަސް އޭ-330-200 މަރުކާގެ ވައިޑް ބޮޑީ ބޯޓުތައް ބޭނުންކޮށްގެން ކުރާ މި ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް ދެ ކެއުމާއި ބުއިންތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.


ފިނިމޫސުމުގެ ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް އަންނަ އެއާލައިންތަކާއި ދަތުރުތަކުގެ އަދަދު އިތުރުވަމުންދާއިރު، ގަތަރު އެއާވޭސްއިންވެސް ވަނީ ރާއްޖެއަށް ކުރާ ހަފުތާގެ ދަތުރުތައް 12 އިން 21 އަށް (ދުވާލަކު 3 ފްލައިޓަށް) އިތުރުކުރަން ނިންމައި އެކަން އިއުލާންކޮށްފައެވެ. މީގެއިތުރުން، ބެލަރޫސްގެ "ބެލާވިއާ އެއާ" އިންވެސް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ދެ ޤައުމުގެ ދެމެދުގައި ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމުގެ ޑްރާފްޓް މިހާރު ވަނީ އެ ޤައުމުގެ ރައީސް ފާސްކުރައްވާފައެވެ.


މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ އަދަދަށް ކޮންމެވެސް ވަރެއްގެ ބުރޫއެރުންތަކެއް އައި ނަމަވެސް، މިއަހަރަށް ކަނޑައަޅާފައިވާ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ. އެ މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 1.49 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement