ކުޑަކުދިން އެކްޕްލޮއިޓްކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރަކު ހައްޔަރުކޮށްފި
ކުޑަކުދިން އެކްޕްލޮއިޓްކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރިހިދޯދި / ގދ.ފިޔޯރީ، މޫސަލް މުޢީން (37އ) އެވެ.
އަދި އޭނާ ހައްޔަރުކޮށްފައި ވަނީ، ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ކުއްޖާ ގުރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރުމާއި، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މޫސަލް މުޢީން ހައްޔަރުކޮށްފައިވަނީ 2026 މާރިޗު 25 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 މާރިޗު 25 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކުޑަކުދިންނާ ގުޅޭ މިފަދަ މަންޒަރުތައް ގެންގުޅުމާއި ފެތުރުން ހިމެނޭހެން، އެ ކުދިންނާ ގުޅުންހުރި އެންމެހައި ކުށުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެއްކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ.
ރިއެކްޝަންސް









