ނޫސްތަކާއި މީޑިޔާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން- ރައީސް މުއިއްޒު
ނޫސްތަކާއި މީޑިޔާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެ ޕޯސްޓެއް ކުރައްވާފައި މިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލް އެއްކޮށްލާ މީޑިޔާ ކޮމިޝަންގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމާ ގުޅިގެން ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށެވެ.
އަމިއްލަ މެމްބަރު ތުޅާދޫ ދާއިރާގެ އަބްދުލް ހަންނާނު އަބޫބަކުރު ބިލް ހުށަހެޅުއްވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވަނީ އެއީ ސަރުކާރު އަޑީގައި އޮވެގެން ހުށަހެޅުއްވި ބިލެއް ކަމަށެވެ. އެބިލް ފަރުމާކޮށްފައިވަނީ ނޫސްވެރިންނާއި މީޑިޔާތައް ޖޫރިމަނާ ކުރެވޭ ގޮތަށެވެ. ހަންނާނު ހުށަހެޅުއްވި ބިލްގައި ވާގޮތުން މީޑިޔާ ކޮމިޝަން އެކުލެވިގެން ވަނީ މީޑިޔާތަކުން އިންތިޚާބުކުރައްވާ ތިން މެމްބަރުންނާއި މަޖިލިހުގެ ރުހުމާއެކު ރައީސް އައްޔަން ކުރައްވާ ހަތަރު މެމްބަރުންނެވެ.
ބިލްގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސުލޫކީ މިންގަނޑާ ހިލާފް ވެއްޖެ ނަމަ 5000-50,000 ރުފިޔާގެ ޖޫރިމަނާއެއް އަންނަ ގޮތަށް އޮތުމެވެ. އަދި ވަކިވަކި ނޫސްވެރިންވެސް 5000-10,000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތުމެވެ. މީޑިޔާ ތަކުގެ ލައިސެންސް ހިފެހެއްޓުމުގެ ބާރުވެސް އެބިލުން ލިބިދެއެވެ.
އެބިލް ހުށަހަޅުއްވުމާ ގުޅިގެން ފާޑުކިއުން އަމާޒުވަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ
ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރައް ހަމަޔެއްނޫން ކަމަށެވެ.
" މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ." ރައީސް ވިދާޅުވިއެވެ.
އެބިލާ ގުޅިގެން މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުންނާއި އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައިވެސް ވަނީ ކަންބޮޑުވުންތައް ހިއްސާކުރުމާއެކު ބަޔާނެއް ނެރެން ފާސްކޮށްފައެވެ. އަދި ވަކިވަކި ނޫސްވެރިންވެސް ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީޑިޔާ ކޮމިޝަންގެ ބިލް ހުށަހަޅާފައި މިވަނީ މީޑިޔާ ކައުންސިލްގެ އާ ދައުރަކަށް މެމްބަރުން ކުރިމަތިލާ, ވޯޓަށްވެސް ރަޖިސްޓްރީ ކޮށްފައި ވަނިކޮށެވެ. ނަމަވެސް އިންތިޚާބު އޮންނާނެ ދުވަހު އަދިވެސް އިއުލާނެއް ނުކުރެއެވެ.
ރިއެކްޝަންސް