ފަތުރުވެރިކަމަށް ބޮޑުކުރިއެރުމެއް، ރާއްޖެއަށް ދުވާލަކު 6،000 ފަތުރުވެރިން މިހާރު ޒިޔާރަތްކުރޭ
ރާއްޖެއަށް މިހާރު ދުވާލަކަށް 6000 ފަތުރުވެރިން ޒިޔާރަތްކުރޭ / ފޮޓޯ: އެމްއެމްޕީއާރުސީ

ފަތުރުވެރިކަމަށް ބޮޑުކުރިއެރުމެއް، ރާއްޖެއަށް ދުވާލަކު 6،000 ފަތުރުވެރިން މިހާރު ޒިޔާރަތްކުރޭ

5 hours ago - 13:38
Aug 2, 2025 - 13:42
Advertisement
Advertisement

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 6,000 ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މީގެ ކުރީގެ މަސްތަކާއި އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މި އަހަރުގެ މެއި އަދި ޖޫން މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 4,000 ފަތުރުވެރިންނެވެ. ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %9.5 އިތުރުވުމެކެވެ.

ޚާއްސަކޮށް ޖުލައި މަހުގެ ތަފާސް ހިސާބަށް ބަލާއިރު މި މަހު ރާއްޖެއަށް 180,000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މެއި އަދި ޖޫން މަހުގެ ޖުމްލަ އަދަދަށްވުރެ ވެސް އިތުރު އަދަދެކެވެ. ވަކިވަކި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. މިހާތަނަށް ޗައިނާއިން 188,317 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ ޖުމުލަ 152,385 ފަތުރުވެރިންނެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނި އިނގިރޭސިވިލާތުންނެވެ. އެއީ 120,937 ފަތުރުވެރިންނެވެ.

ވޭތުވެދިޔަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއަހަރު ސަރުކާރުން އަމާޒު ހިފާފައި ވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement