
މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ފ.ނިލަންދޫން 9 މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ އެކި ރަށްރަށަށް ނިސްބަތްވާ ޒުވާނުން
މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ފ.ނިލަންދޫން 8 މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލާގައި ފުލުހުން ހައްޔަރުކުރީ އެކި ރަށްރަށަށް ނިސްބަތްވާ 26 އަހަރުން ދަށުގެ ޒުވާނުންނެވެ.
އެމީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ. ނިލަންދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީ ތެރެއިން އެއް އޮޕަރޭޝަނެއްގައި 8 މީހަކު ހައްޔަރުކުރިއެވެ. އެއީ ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އއ. ރަސްދޫ / ދޫގަސް، މުޙައްމަދު ވިސާލު (19އ) އާއި، ލ.ގަން، ތުނޑި. ހެދޭކުރި، މުޝްހަފް މުފީދު (22އ) އާއި، ނ. ލަންދޫ / ފިނިވާގެ، އިބްރާހީމް ލޫޠް (20އ) އާއި، ތ. ގުރައިދޫ / ފަޒާ، ޢަލީ ނަވާފު (21އ) އާއި، ސ. ހިތަދޫ / ގާފިލާ، އަޙްމަދު އަބާން ޢަލީ (20އ) އާއި، ހދ. ނޮޅިވަރަންފަރު / އަންނާރުގެ، ޢަބްދުﷲ ލައިޝަމް (20އ) އާއި، ސ. މީދޫ /ޝީން ، އަޙްމަދު ޢުޘްމާން (20އ) އާއި، މާލެ / ދަފްތަރު ނަންބަރު ދރ 1438، އިބްރާހީމް ނައްފާޒް (26އ) އެވެ.
ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި މުޙައްމަދު ވިސާލު (19އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ދެންތިބި ހަތް މީހުން ބަންދުކުރަން އަމުރުކުރީ 10 ދުވަހަށެވެ.
ފުލުހުން ވިދާޅުވީ މި މަހު 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. މައްސަލާގައި ހައްޔަރުކުރީ އެ ވަގުތު އެގޭގައި ތިބި ނުވަ މީހުންނެވެ.
މީގެ އިތުރުން، ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފުލުހުން ވަނީ 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ.
އެ ރަށު ބަނދަރުމަތިން ފުލުހުން ހައްޔަރުކުރީ ފ. ނިލަންދޫ / ޝަބްނަމުގެ، މުޙައްމަދު މާނިޢު (19އ) އެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މި ދެ މައްސަލަ ވެސް ތަހުގީގު ކުރަނީ ނިލަންދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ރިއެކްޝަންސް






