2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުން ލާޒިމްކުރާ ބިލް ތަސްދީޤު ކުރައްވައިފި
ފެނާއި ނަރުދަމާ ލާޒިމް ކުރާ ބިލް ރައީސް ތަސްދީޤު ކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުން ލާޒިމްކުރާ ބިލް ތަސްދީޤު ކުރައްވައިފި

3 hours ago - 13:44
Aug 18, 2025 - 13:45
Advertisement
Advertisement

2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުން ލާޒިމްކުރާ ބިލް ތަސްދީޤު ކުރައްވައިފިއެވެ.

އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމް ކުރަން ލާޒިމް ކުރާ ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ މިއަދު އެވެ. ސަރުކާރުގެ ފަރާތުން ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާޙް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާޢި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މި ބިލުގައި ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި، ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކާއި ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓްރީތަކުގައި ފެން ތަޙްލީލުކުރުމުގެ ޚިދުމަތް ދިނުމާގުޅޭ ޝަރުޠުތައް ކަނޑައެޅުންވެސް އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކުރާ ފަރާތެއްގެ އަދަބުވެސް ބިލުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް، މި އިސްލާހަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިޢުކުރަން ޖެހެއެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި ބިލަކީ، މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement