އުތުރުގެ ތިން އަތޮޅެއް ވައިގެ މަގުން ގުޅާލުމުގެ އަމަލީ މަސައްކަތް ސަރުކާރާ ގުޅިގެން ފަށައިފި
ރާއްޖޭގެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅު ވައިގެ މަގުން ގުޅާލުމުގެ އަމަލީ މަސައްކަތް ސަރުކާރާ ގުޅިގެން ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އެތެރޭގެ އުދުހުންތައް ލުއިފަސޭހަކުރުމަށް ފެއްޓެވި މި މަޝްރޫއަކީ ދެކުނުގެ ހަތަރު އަތޮޅު ގުޅާލުމަށް ފެށި މަޝްރޫއުގެ ކާމިޔާބީއަށް ބަލައި ފެށި މަސައްކަތެއް ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު އުތުރުގެ މި ތިން އަތޮޅު ވައިގެ މަގުން ގުޅާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެކުނުގެ ދަތުރުފަތުރުގެ ނިޒާމަށް ލިބެމުންދާ ތަރުހީބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، މިއަހަރުގެ ފެބުރުއަރީ 1 އިން ފެށިގެން ދެކުނުގެ 4 އަތޮޅަށް ފެށި ދަތުރުތަކުގައި މިހާތަނަށް 2,900 އަށްވުރެ ގިނަ ފަސިންޖަރުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. މި ދަތުރުތައް މިހާރު ކުރިއަށްދަނީ 70 އިންސައްތައަށްވުރެ މަތީގެ ލޯޑު ފެކްޓާއެއްގައިކަން ފާހަގަކޮށް އިޔާސް ވިދާޅުވީ، މި ދަތުރުތަކުގައި ބޭނުންކުރަނީ 15 ގޮނޑީގެ ޓްވިންއޮޓާ މަރުކާގެ ބޯޓުތައް ކަމަށެވެ.
މިހާރު އޮތް އިންތިޒާމުގެ ދަށުން ކޮންމެ ދުވަހަކު ގަމުން ފުވައްމުލަކަށް، އަދި ފުވައްމުލަކުން ކޫއްޑޫ ނުވަތަ ކާޑެއްދޫއަށް ދަތުރުތައް ކުރަމުން އަންނަކަން އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއެވެ. މީގެ އިތުރުން ގަމަށް ދަތުރުކުރާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތަކާ ގުޅުވައިގެން ބައެއް ދުވަސްދުވަހު ދެ ދަތުރުވެސް ބާއްވަމުންދެއެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒަކަށްވާއިރު، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ބައިނަލްއަގްވާމީ މަންޒިލްތަކަށް ދަތުރުތައް ފެށުމަށްޓަކައި އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.
ރިއެކްޝަންސް





