އެމް.އާރް ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް މިއަދު ފަށައިފި

އެމް.އާރް ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް މިއަދު ފަށައިފި

2 hours ago - 10:25
Advertisement
Advertisement

ޞިއްޙީ ޚިދުމަތްތެރިންނަށާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން އެމް.އާރް (ހިމަބިހި) ވެކްސިން ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން މިއަދު ފަށައިފިއެވެ.


މި ޕްރޮގްރާމަކީ ރާއްޖޭގައި ހިމަބިހި ފެތުރުން ހުއްޓުވުމަށާއި، ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެޗް.ޕީ.އޭ އިން މަޢުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފުރަތަމަ ފިޔަވަހީގައި އިސްކަންދޭނީ ޞިއްޙީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށެވެ.


މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޔޫ.ޕީ.އެޗް.ސީ.ސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ، އަދި ވިލިމާލެ ހޮސްޕިޓަލުގައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދޭނެ ގަޑިތައް އެ ރަށެއްގެ ޞިއްޙީ މަރުކަޒުތަކުން ވަކިން އިޢުލާނު ކުރަމުންދާނެ ކަމަށް އެޗް.ޕީ.އޭ އިން ބުނެއެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހި ޖޫން 30 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެ ފިޔަވަހީގައި އުމުރުން 30 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ވެކްސިން ދޭނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި 49 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާނެއެވެ.


މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 22 ކޭސް ފެނިފައިވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންނާ ދިމާވި (ކޮންޓެކްޓްވި) މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ 220 މީހަކަށް މިހާރު ވަނީ ވެކްސިން ދީފައެވެ. މީގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރާ 1,537 ޞިއްޙީ ޚިދުމަތްތެރިންނަށްވެސް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށް އެޗް.ޕީ.އޭ އިން ފާހަގަކުރެއެވެ.


މި ޕްރޮގްރާމަށް ބޭނުންވާ 20,000 ޑޯޒްގެ ހިމަބިހި ވެކްސިން މި މަހުގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެޗް.ޕީ.އޭ އިން އިލްތިމާސް ކުރަނީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ފުރިހަމަކޮށް، ބަލިން ރައްކާތެރިވުމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement