ދުންފަތާ މެދު ހޭލުންތެރިވެ، ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތަކުން އައު އާޢަޒުމަކާއެކު ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ދުންފަތާ މެދު ހޭލުންތެރިވެ، ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތަކުން އައު އާޢަޒުމަކާއެކު ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

2 hours ago - 21:20
Advertisement
Advertisement

ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް، ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ ފަރާތަކުން ވެސް އާޢަޒުމަކާއެކު ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ފެށެނީ ދުންފަތާ ދުރުހެލިވުމުގެ ޚާއްޞަ ޤައުމީ ކެންޕޭނެއް ކަމަށާއި، މިއީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ކެންޕޭނުން، މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރުގައި ބާރުއަޅާ ކަންކަމަށް ޚާއްޞަ އިސްކަމެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މި މޭރުމުން އެކަމަނާ ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެކަމަށް ހިތްވަރުދޭ ގޮތަށް މަގުފަހިވެފައިވާ ކަންތައްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައި، މި ބޮޑު ޤައުމީ މައްސަލައިން ދިވެހި ޤައުމު ސަލާމަތްކުރުމަށް، ހުރިހާ ދިވެހީން އަތުގުޅާލުމަށް ގޮވާލައްވާފައެވެ. އަދި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. ހަމަމިއާއެކު، ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތްކުރެއްވުމުގައި ވިޔަފާރިވެރީން އިސްނެންގެވުމަށްވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، "އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ"ގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ. މި ކެމްޕޭނަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމުގައިވާ މެއި 31، 2026 ގައި އިޢުލާންކޮށް، މިއަދު ރަސްމީކޮށް އިފްތިތާޙްކުރެވުނު 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެކެވެ.

މީގެ އިތުރުން މިމުނާސަބަތާ ގުޅޭ ލައިވް ކެންވަސްގައި ކުލަޖައްސަން ފައްޓަވައިދެއްވައި، ޕްލެޖް ބޯޑުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ލިޔުއްވާފައެވެ. އެގޮތުން، ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، ދުންފަތަށް ނޫނެކޭ ބުނުމަށް އެކަމަނާގެ މެސެޖުގައި ވަނީ ގޮވާލައްވާފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅުންހުރި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ "ހެލްތު މިނިސްޓަރޒް އެވޯޑް ފޮރ ޓޮބޭކޯ ކޮންޓްރޯލް އެކްސަލަންސް" ލިބިވަޑައިގެންނެވި ފަރާތްތައް އިޢުލާންކުރުންވެސް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އޮތެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދުވަހާ ގުޅުވައިގެން، މުލަކު ސްކޫލުގެ ދަރިވަރުންގެ މެދުގައި ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ހުށަހެޅުންތައް ބައްލަވާލައްވާ، މުބާރާތުން އެކި ވަނަތަށް ހޯދި ދަރިވަރުންނާއެކު ފޮޓޯއެއް ނަންގަވާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންނާއި ޓީޗަރުން ގުޅިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައްވެސް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު އަލްފާޟިލާ ޤީލާ ޢަލީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މިސް ޕޭޑަންއާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ނައުފަލްވެސް ބައިވެރިވެވަޑައިގަތެވެ.

މުލަކު އަތޮޅު މުލަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ، މ.މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. ސެންޓަރު ހުޅުވައިދެއްވުމަށްފަހު އެކަމަނާ ވަނީ، އެ ސެންޓަރު ބައްލަވައިލައްވާފައެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓް-ޑޯ ޖިމް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement