ސިޔާސީ މަގާމެއްގައި ހުރެ ރިސޯޓް ވިޔަފާރީގައި ބައިވެރިވި ރައީސްގެ އާއިލީ ބޭފުޅަކު މަގާމުން ވަކިކުރައްވައިފި
ސިޔާސީ މަގާމެއްގައި ހުންނަވައިގެން، ތ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރާ ކުންފުންޏެއްގެ ހިއްސާދާރަކަށް ވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލީ ބޭފުޅަކު ސަރުކާރުގެ މަގާމުން ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލާ ބޭފުޅަކު މެދުވެރިކޮށް ތ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރައްވަން އުޅުއްވާ ކަމަށް ބައެއް ލިޔެކިޔުންތަކާއެކު މީޑިއާ އަދި ސޯޝަލް މީޑިއާގައި ފަތުރަމުންދާ ތުހުމަތުތަކުގެ ހަގީގަތަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ދައުރުވަމުންދާ ޚަބަރުތަކުގައިވާ ގޮތުން، އެ ކުންފުނީގެ ހިއްސާ އޮންނަނީ ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި އެމަނިކުފާނުގެ އާއިލީ ބޭފުޅެއްގެއެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ނޫހަކުން އެފަދަ ވާހަކައެއް ފެނިވަޑައިގަތުމުން އެކަމުގެ މައުލޫމާތު އޮޅުންފިލުއްވި ކަމަށެވެ. އަދި އެމަނިކުފާނުގެ އާއިލާއަކީ ވަރަށް ގިނަ މެންބަރުން ހިމެނޭ ބޮޑު އާއިލާއެއްކަން ފާހަގަކުރައްވައި، އެ މައުލޫމާތު ލިބިވަޑައިގަތުމުން އެއީ ތެދެއްތޯ އެ ބޭފުޅާއާ ސުވާލު ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް އޮތް ކަމަށް އިއުތިރާފުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނު އަމިއްލަފުޅަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްއަށް ވަދެވަޑައިގެން އެކަން ބެއްލެވި ކަމަށާއި، އެއީ ތެދެއްކަން ސާބިތުވި ކަމަށެވެ. އަދި އެއީ އެމަނިކުފާނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"ދެން އެކަން އެނގުނު ހިސާބުން، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން އެއީކީ، ސަރުކާރުގެ މަގާމެއްގައި، އަޅުގަނޑު ދީފައި ހުރި، އަޅުގަނޑު އެޕޮއިންޓް ކޮށްފައި ހުރި މަގާމެއްގައި ހުރި ބޭފުޅަކު އެކަހަލަ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. އެހެންވީމާ އަޅުގަނޑު ހުންނާނީ ވަޒީފާއިން ވަކިކޮށްފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ އަމަލުތައް ހިންގެވުމަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ޖާގަ ދެއްވާނެ ކަމެއް ނޫން ކަމަށެވެ.
ރިއެކްޝަންސް





