
ރައީސްގެ ގަސްއިންދުމުގެ ވައުދު ފުރިހަމަކުރުމަށް އެޗްޑީސީން އެއް މިލިއަން ގަސް އިންދަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި ބައިވެރިވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްމިލިއަން ގަސް އިންދުމަށް ނިންމައިފިއެވެ.
މިގޮތުން އެއް މިލިއަން ގަސް އިންދުމަށް އެޗްޑީސީން އެއްބަސްވެ، ކުޑަގިރީގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ އެއްމިލިއަން ގަސް އިންދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު މަޢުރޫފް ޖަމީލެވެ. މަޢުރޫފް ވިދާޅުވީ މިއީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ރައީސްގެ ވަޢުދުފުޅަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އިންދަން ބޭނުންވާ ގަސްތައް ހެއްދުމަށްޓަކައި، އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ބޮޑު ނާސަރީއެއް ޤާއިމުކުރުމަށް ނިންމާފައެވެ. މި ނާސަރީން އުފައްދާ ގަސްތައް ހުޅުމާލެ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅު ފަދަ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިޢުލާންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޔޫއޭއީގައި ބޭއްވުނު "ކޮޕް28" ގައެވެ. މިއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދެވެ. އަދި މި މަޝްރޫޢު މާލޭގެ އިތުރުން، މުޅި ރާއްޖޭގައި ހިންގުމަށް ވަނީ ރޭވިފައެވެ.
ރައީސްގެ މި ވައުދު ފުރިހަމަ ކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމެއްވެސް ބާއްވާފައެވެ.
ރިއެކްޝަންސް






