
ދ. އަތޮޅު ހޮސްޕިޓަލުގެ ޒަމާނީ އާ އިމާރާތުގެ ބިންގާ އަޅައިފި
މި އިމާރާތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނިީހަމަޖެހިފައި
ދ. އަތޮޅު ހޮސްޕިޓަލުގެ ޒަމާނީ އާ އިމާރާތެއް އެޅުމަށް 181 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ހަވާލުކޮށް، އެ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި 50 އެނދުގެ މި ހޮސްޕިޓަލް 540 ދުވަހުގެ ތެރޭގައި ނިންމާނެއެވެ.
އާ ހޮސްޕިޓަލުގައި މެމޮގްރަފީ، ޑެންޓަލް އޯޕީޑީ، އަދި ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރެއް ހިމެނޭނެކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވިއެވެ. މީގެ އިތުރުން، މުވައްޒަފުންނަށް ތަމްރީން ދިނުމަށާއި އަތޮޅު ތެރޭގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމަށް ޚާއްސަ ފެސިލިޓީތައް ޤާއިމްކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ކުޑަހުވަދޫގައި އެއަރޕޯޓެއް އޮތުމުން، އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭނެ އިމަޖެންސީ އިމާރާތެއް ވެސް ޤާއިމްކުރެވޭނެކަމަށާއި، އަދި ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ވެސް ހިމެނޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
މއާ ހޮސްޕިޓަލް އިމާރާތްކުރުމުން، ޖާގައިގެ ދަތިކަން ހައްލުވެ، ރަށުގެ އަދި ކައިރި އާބާދީ ތަކުގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަން ހެލްތު މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މި އިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމުހޫރިއްޔާ މިއަދު ދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރިއެކްޝަންސް






