ނުރައްކާތެރިކޮށް ދުއްވައިގެން ހިފަހައްޓާ އުޅަނދެއް ހަވާލުކުރާނީ 30 ދުވަސް ފަހުން
ނުރައްކާތެރިކޮށް ދުއްވައިގެން ހިފަހައްޓާ އުޅަނދެއް ހަވާލުކުރާނީ 30 ދުވަސް ފަހުން ކަމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ދޫކުރުމުގެ އާ އުސޫލުގައި ހިމަނައިފި އެވެ.
އިސްލާހުކުރި އުޞޫލުގައި ވާގޮތުން ފަރުވާކުޑަކޮށް ދުއްވައިގެން ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން އުޅަނދެއް ހިފައްޓައިފި ނަމަ އަލުން އެއުޅަނދު ވެރިފަރާތާ ހަވާލުކުރީ 30 ދުވަސް ފަހުންނެވެ. ދުވެލީގެ މިންގަނޑާ ޚިލާފަށް ދެ ފަހަރަށް ވުރެ ގިނައިން ދުއްވުމުގެ ސަބަބުން ހިފެހައްޓާ އުޅަނދެއް ދޫކުރާނީ 15 ދުވަސް ފަހުން ކަމަށް އާ އުސޫލުގައި ވެއެވެ.
ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފެހައްޓާ އުޅަނދުތަކާއި، އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތައް ވެސް ދޫކުރާނީ 15 ދުވަސް ފަހުން ކަމަށް އިސްލާހުގައި ވެއެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ދޫކުރަން ކަނޑައަޅާފައިވަނީ 48 ގަޑިއިރު ހަމަވުމުންނެވެ.
ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފެހައްޓާ އުޅަނދުތަކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާ ގުޅޭ ޚާއްޞަ އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ ތަޙުޤީޤު ނިމުމަށްފަހު 7 ދުވަހުގެ ތެރޭގައި ކަމަށް އާ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ އައު އުސޫލުތަކުގެ ބޭނުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއެކު, ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން ކަމަށެވެ. މި އުސޫލުތައް މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މިއާއެކު އާއުސޫލުތަކަށް އަމަލުކުރަން ވެސް ވަނީ ފަށާފައެވެ.
ރިއެކްޝަންސް