ޖަޕާނުން ދަނޑުވެރިކަން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
ޖަޕާނުގައި ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. މިއީ ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025ގެ ދަށުން ހުޅުވާލި ފުރުޞަތުތަކެކެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުނީ މިއީ ދަނޑުވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާޞިލުކުރުމުގެ ފުރުޞަތެއް ކަމަށެވެ.
މި ސްކޮލަޝިޕްގެ ދަށުން މާސްޓަރސް ކޯހުގައި ބައިވެރިވެވެނީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާޞިލުކޮއްފައިވާ ފަރާތްތަކަށެވެ. ފުރުޞަތު ލިބެނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް 35 އަހަރު ނުފުރޭ ފަރާތްތަކަށެވެ. ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެނީ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލުކޮއްފައިވާ ފުރަތަމަ ދުވަހުގެ ނިޔަލަށް 40 އަހަރު ފުރިފައި ނުވުން ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.
ކޯހަށް ހުށަހެޅުމުގެ ސުންގަޑި އަކީ މިހަފްތާގެ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ތައުލީމީ ސެޓްފިކެޓް ތަކުގެ އިތުރުން މިހާރު ހާޞިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާޞިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއްވެސް ހުށަހަޅަން ޖެހެއެވެ. ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް އަދި ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން ކޯހަށް ދޫކުރާނެކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. އަދި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން ސްކޮލަރޝިޕަށް އެދޭނަމަ ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެކަން ބަޔާންކުރާ ލިޔުންވެސް ހުށަހަޅަން ޖެހެއެވެ.
1474އަށް ގުޅައިގެން ނުވަތަ schol@mohe.gov.mv އަށް އީ-މެއިލް ކޮށްގެން އިތުރު މައުލޫމާތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރިއެކްޝަންސް