ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

9 hours ago - 13:45
Advertisement
Advertisement

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.


ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 18 ވީ އަންގާރަ ދުވަހު ޕޯސްޓް އޮފީހަށް އައި ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ޕެކޭޖުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ތަޙުލީލުކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ޕޮޒިޓިވް ވެފައެވެ.


އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.6 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 5 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.


މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވައިގެ މަގުންނާއި، ކަނޑުމަގުން އަދި ޕޯސްޓާއި ކުރިއަރ މެދުވެރިކޮށް އެތެރެކުރާ ތަކެތި އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ގަވާއިދާ ޚިލާފަށް އެތެރެކުރަން އުޅޭ ސިނގިރޭޓާއި، ވޭޕާއި ގުޅުންހުރި ގިނަ އަދަދެއްގެ ސާމާނުވެސް ދާދި ފަހުން އެ އިދާރާއިން ވަނީ އަތުލައިގަނެފައެވެ.


މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement