ހުޅުމާލޭގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ ތެރެއިން 3 މަގެއްގެ މަސައްކަތް ނިންމާލައިފި
ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ ތެރެއިން ނުހެދި ހުރި މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާތަނަށް ތިން މަގެއްގައި ތާރުއަޅާ ނިންމާލާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.
ހުޅުމާލޭގެ ޖުމްލަ 6 މަގެއް ތަރައްޤީކުރުމަށް ޗައިނާގެ ރޮޓިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ފޭސް 1 ގައި ނުނިމި ހުރި 5 މަގެއްގެ އިތުރުން، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ހިމެނޭހެން ޖުމްލަ 1.1 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވާގޮތުގައި މިހާތަނަށް ތާރުއަޅާ ނިމިފައިވަނީ އެޕޯލޯ ފްލެޓްތަކުގެ ބިއްދޮށުން އޮންނަ މަގާއި، ވަން ސެންޓްރަލް ޕާކް ރެސިޑެންސްއާ އިންވެގެން އޮންނަ މަގު އަދި ރޭތިގަލް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގައެވެ.
މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ފޭސް 2 ގެ ވިނަރެސް ފްލެޓްތަކުގެ ބިއްދޮށުން، ކުރީގެ ފަރުކޮޅުފުއްޓާ ދިމާލަށް އޮންނަ މަގުގައި ތާރުއެޅުމުގެ މަސައްކަތެވެ. މި މަގުގެ ސަބްބޭސް މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ތާރުއެޅުމުގެ ތައްޔާރީތަކެވެ.
ތާރުއަޅާ ނިމިފައިވާ މަގުތަކުގައި މިހާރު ކުރިއަށްދަނީ ހިނގާ މަގުތަކާއި (ވޯކްވޭ)، ގަސް އިންދާ ސަރަޙައްދުތައް ހެދުމުގެ އިތުރުން މަގު ބައްތި ހަރުކުރުމުގެ މަސައްކަތެވެ. މި މަގުތަކަކީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކު، ފުރޮޅުލީ ގޮނޑީގައި އުޅޭ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ މަގުތަކެކެވެ.
މުޅި މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މި މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން މަރާމާތުކުރަންޖެހޭ މަގުތަކުގެ 30 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
މި މަޝްރޫޢު ނިމުމުން، ހުޅުމާލެ ފޭސް 1 ގައި އެކި ސަބަބުތަކާހުރެ ނުހެދި ހުރި ހުރިހާ މަގުތަކެއްގައި ތާރުއަޅައި ނިމޭނެއެވެ. މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި، މަގުތައް ބޭނުންކުރާ ދުއްވާ އުޅަނދުތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް އެޗްޑީސީން ދެކެއެވެ.
ރިއެކްޝަންސް





