
ފެޔެނޯޑްގެ އާ ކޯޗަކަށް ރޮބިން ވެން ޕާސީ
ނެދަލެންޑްސްގެ ކްލަބް, ފެޔެނޯޑްގެ އާ ކޯޗަކަށް ރޮބިން ވެން ޕާސީ ހަމަޖައްސައިފިއެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެން ޕާސީގެ ހުނަރުވެރި ކެރިއަރު ފެށި އަދި ނިންމާލި ކްލަބުގެ ކޯޗުގެ މަޤާމާ އަލުން ގުޅުނީ އެންމެ ފަހުން ކޯޗުކޮށްދިން ހީރެންވީރް އިން ވެންޕާސީ ދޫކޮށްލަން އެންމެ ފަހުން އެއްބަސްވުމުންނެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކޮށްފައިވާ ފެޔެނޯޑްއަށް ވެން ޕާސީ ބަދަލުވާން ބުރާސްފަތި ދުވަހު އެއްބަސްވުމަކަށް އައިސްފައިވާކަމަށް ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ އީއެސްޕީއެންއިން ވަނީ ރިޕޯޓްކޮށްފައެވެ.
41 އަހަރުގެ ވެން ޕާސީ ފެޔެނޯޑްއާ އެކު އެއްބަސްވުން ހަދާފައިވަނީ ޖޫން 2027 އާ ހަމައަށެވެ. ވެން ޕާ ސީގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކުރާނީ މެންޗެސްޓަރ ޔުނައިޓަޑްގައި އެރިކް ޓެން ހަގްގެ ދަށުން ކުޑަ ދުވަސްކޮޅަކު މަސައްކަތްކުރި ރެނޭ ހޭކް އެވެ.
"ހުރިހާ އެންމެނަށްވެސް އެނގޭނެ އަހަންނާ ފެޔެނޯޑްއާ ދެމެދު އޮންނަނީ ކިހާ ޙާއްސަ ގުޅުމެއްކަން. އަހަރެން ވަރަށް އަވަހަށް މިޓީމުގެ ވަރުގަދަ ސްޓާފުންނާއި ކުޅުންތެރިންނާ އެކު ކާމިޔާބީ ހާސިލްކުރަން މަސައްކަތްކުރަން ބޭނުން" ކްލަބްގެ ވެބްސައިޓްއަށް ވެން ޕާސީ ބުނެފައިވެއެވެ.
ވެން ޕާސީ ޓީމާ ގުޅުނުކަން އިއުލާންކުރަމުން ކްލަބްގެ ޖެނެރަލް މެނޭޖަރު ޑެނިސް ޓެ ކްލޮއެސީ ބުނެފައިވަނީ ވެން ޕާސީ އަކީ ކްލަބުގެ ކޯޗެއްގެ މަޤާމަށް އަންނަ މީހަކަށް ހުރިހާ ޝަރުތެއް ފުރިހަމަ މީހެއްކަމަށެވެ.
"މި ކްލަބްގެ ހަޤީގީ އައިކަން އެއް ކަމަށްވާ ރޮބިން ވެން ޕާސީ ފެޔެނޯޑް ކޯޗެއްގެ ގޮތުގައި އެނބުރި އައުމާއެކު އަހަރެމެން މިތިބީ ވަރަށް އުފަލުން. ރޮބިން އަށްވުރެ ވަކިން ބޮޑަށް މި ކްލަބް އެނގޭނެ މީހަކު, ނުވަތަ މި ކްލަބުން ޙާސިލްކުރަން ބޭނުންވާ ކަންކަން އެނގޭނެ ނުހުންނާނެ" ޓެ ކްލޮއެސީ ބުނެފައި ވެއެވެ.
ދެފަހަރެއްގެ މަތިން ފެޔެނޯޑްއަށް ކުޅުނު ވެން ޕާސީ އެޓީމަށް ކުޅުނު 123 މެޗުން 46 ގޯލް ކާމިޔާބުކޮށްދީފައިވެއެވެ. ފެޔެނޯޑްގެ ކޯޗެއްގެ ގޮތުގައި ރަސްމީކޮށް އޭނާ ފެންނާނީ މާދަމާއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އަންނަ މަހު ކުރީކޮޅު އެޓީމް ނިކުންނާނީ އިންޓަރ މިލާނާ ދެކޮޅަށެވެ.
ވެން ޕާސީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހީރަންވީން އާ ގުޅުނީ މި ސީޒަން ފެށުނުތަނާއެވެ.
ރިއެކްޝަންސް






