
އެތްލެޓިކޯއާ އެއްވަރުވި މެޗުގައި ރެއާލް ސަލާމަތްކޮށްދިނީ އެމްބާޕޭ
ލަލީގާގެ ތާވަލްގެ އެންމެ ކުރީގައި އޮތް ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑްގެ ގަދަހިފުން 1-1 ން އެއްވަރުވެއްޖެއެވެ. ދެވަނަ ހާފާ ކުރިމަތިލިއިރު ޕެނަލްޓީއަކުން ކުރީގައި އޮތް އެތްލެޓިކޯ އާ ނަތީޖާ އެއްވަރުކޮށް, މެޗުން ރެއާލް ސަލާމަތްކޮށްދިނީ މެޗުގެ 50 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭއެވެ.
މި ނަތީޖާއާއެކު ރެއާލަށް ތާވަލްގެ އެއްވަނައިގައި ހަމަޖެހިލަން ލިބުނު ފުރުޞަތު ގެއްލުނު ނަމަވެސް 50 ޕޮއިންޓާއެކު ކުރީގައި އޮތީ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ތިންވަނައިގައި 45 ޕޮއިންޓާއެކު އޮތް ބާސެލޯނާ, ސެވިއްޔާގެ ދަނޑުގައި މިރޭ އެޓީމާ ދެކޮޅަށް ނިކުންނާނެއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 45 މިނިޓް ޑޮމިނޭޓްކޮށް މޮޅަށް ކުޅުނީ އެތްލެޓިކޯ މެޑްރިޑެވެ. ރެއާލްގެ ޑިފެންޑަރު އޯރެލިއަން ޗޮއަމެނީ އެތްލެޓިކޯގެ ސެމުއެލް ޑިއަސް ލިނޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ 35 ވަނަ މިނިޓްގައި ކާމިޔާބުކުރީ ހޫލިއަން އަލްވަރޭޒް އެވެ.
ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅުކޮށް އެނބުރި މެޗުގެ ތެރެއަށް އާދެވޭތޯ ކުރި މައްސަކަތުގައި އެމްބާޕޭ ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް މެޗުން މޮޅުވުމުގައި ރެއާލްއިން އުފެއްދި ގިނަ ހަމާލާތައް އެތްލެޓިކޯގެ ކީޕަރު ޖޭން އޮބްލަކް ވަނީ ދިފާއުކޮށްފައެވެ.
ޑިއެގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ރަނގަޅު ފޯމެއްގައި އޮތް އެތްލެޓިކޯ މިސީޒަންގައި އެންމެ ފަހުން ކުޅުނު 21 މެޗުގެ ތެރެއިން 19 މެޗު ވަނީ ކާމިޔާބުކޮށްފައެވެ.
ރިއެކްޝަންސް






