ފަހުވަގުތު ހިތްދަތި ގޮތަކަށް ބާސެލޯނާ ބަލިކޮށް, އިންޓަމިލާނުން ޗެމްޕިއަންސް ލީގު ފައިނަލަށް
އިންޓަރ މިލާނާ ބާސާ ވާދަކުރި މެޗުގެ ތެރެއިން

ފަހުވަގުތު ހިތްދަތި ގޮތަކަށް ބާސެލޯނާ ބަލިކޮށް, އިންޓަމިލާނުން ޗެމްޕިއަންސް ލީގު ފައިނަލަށް

14 hours ago - 07:16
May 7, 2025 - 07:28

ސެމީ ފައިނަލްގެ ދެވަނަ ލެގުގެ އިތުރު ވަގުތުގައި ބާސެލޯނާ ބަލިކޮށް, ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އިންޓަރ މިލާނު ދަތުރުކޮށްފިއެވެ. މެޗުން މޮޅުވި ގޯލް 99 ވަނަ މިނިޓްގައި އިންޓަރ މިލާނަށް ކާމިޔާބުކޮށްދިނީ  ބަދަލުކުޅުންތެެރިއެއްގެ ގޮތުގައި ނިކުއިން ޑޭވިޑް ފްރައްޓޭސީއެވެ.

ފުރަތަމަ ލެގުގައި 3-3 ން އެއްވަރުވެ، ދެޓީމަށްވެސް ފައިނަލްގެ ހަމަހަމަ ފުރުޞަތާއެކު ފެށި މެޗު އިންޓަރ ކާމިޔާބުކުރީ 4-3 ން (7-6 ގެ އެގްރެގޭޓުން) ނެވެ. އެހެންކަމުން މިއީ ފާއިތުވެދިޔަ ތިން ސީޒަނުގައި  އިންޓަރ އިން ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ. އިންޓަރ އިން ވަނީ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އިންޓަރ މިލާންގެ ދަނޑުގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލްގައި ފުރަތަމަ ލީޑު ނެގީވެސް އިންޓަރ އިންނެވެ. މެޗުގެ 21 ވަނަ މިނިޓްގައި ޑެންޒެލް ޑަމްފްރައިސް ތަނަވަސްކޮށްދިން ފުރުޞަތުގައި އިންޓަރ ގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ކެޕްޓަން ލައުރާޓޯ މާޓިނޭޒް އެވެ.  ފުރަތަމަ ހާފުގެ އިތުރުވަގުތުގައި  ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އިންޓަރ އަށް ލީޑު ފުޅާކޮށްދިނީ ހަކަން ޗަލަނޯލޫއެވެ.

10 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފައިނަލްގައި ކުޅުމުގެ އުއްމީދުގައި އޮތް ބާސެލޯނާއިން ވަނީ ދެވަނަ ހާފުގައި ގާތްގާތުގައި ދެ ގޯލް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. 54 ވަނަ މިނިޓްގައި އެރިކް ގާސިއާ ބާސާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިންއިރު، އޭގެ ހަ މިނިޓް ފަހުން ނަތީޖާ އެއްވަރުކޮށްދިނީ ޑެނީ އޮލްމޯ އެވެ. މިދެ ގޯލް ކާމިޔާބު ކުރުމުގައިވެސް އެހީތެރިވީ ޖެރާޑް މާޓިންއެވެ.

Advertisement
Advertisement

76 ވަނަ މިނިޓްގައި ބާސެލޯނާއަށް ލިބުނުޕެނަލްޓީ ވީޑިއޯ އެސިސްޓެންޓް ރެފްރީ ފަހުންވަނީ ބަލައިނުގެންފައެވެ.

މެޗުގެ 87 ވަނަ މިނިޓްގައި ރަފީނިއާގެ ހިތްގައިމު ގޯލުން 3-2 ށް ނަތީޖާ ބަދަލުކޮށް ބާސެލޯނާއިން ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގާ ފައިނަލްގެ އުއްމީދު އާކުރިއެވެ. ނަމަވެސް މި ކާމިޔާބީ ދެމިއޮތީ އެންމެ ހަ މިނެޓަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ޑިފެންޑަރު ފްރެންސެސްކޯ އަސާބީ ވަނީ އިންޓަރ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އިންޓަރ އިން ނަތީޖާ އެއްވަރުކުރުމުގެ ކުރިންވެސް ބާސެލޯނާގެ ލަމީން ޔަމާލްއަށް ގޯލެއް ކާމިޔާބުކުރާނެ ރަނގަޅު ފުރުޞަތެއް ލިބުނެވެ. ނަމަވެސަ ކީޕަރު ޔަން ސޯމާ ވަނީ އޭނާގެ ހަމަލާ ދިފާއުކޮށްފައެވެ.

2023 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލްގައި 1-0 މެންޗެސްޓަރ ސިޓީ އަތުން ބަލިވި އިންޓަ މިލާން ، މިސީޒަންގެ ފައިނަލްގައި ވާދަކުރާނީ ޕީއެސްޖީ ނުވަތަ އާސެނަލް އާ އެވެ. ފައިނަލް މެޗު އޮންނާނީ 31 މެއި ގައި ބަޔާން މިއުނިކްގެ އެލިއަންޒަ އެރީނާގައެވެ.

ދެވަނަ ސެމީގެ ފުރަތަމަ ލެގުގައި ފާއިތުވި ހަފުތާގައި އެމިރޭޓްސް ސްޓޭޑިއަމްގައި 1-0 އާސެނަލް ވަނީ ޕީއެސްޖީ އަތުން ބަލިވެފައެވެ. ދެވަނަ ލެގުގެ ކުޅުން އޮންނާނީ މިރޭ 00:00 ގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow