
ބެލިންގްހަމް ސަސްޕެންޝަންގެ އިސްތިއުނާފް ބަލައެއް ނުގެން
ރެއާލް މެޑްރިޑްގެ މެދުތެރެއަށްކުޅޭ ޖޫޑް ބެލިންގްހަމް ކުރިއަށް ދެ މެޗަށް ސަސްޕެންޑްކުރަން ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމި ނިމުން އިސްތިއުނާފުކުރަން ރެއާލުން ހުށަހެޅި ހުށަހެޅުން ބަލައިނުގަންނަށް ކޮމިޓީން ނިންމައިފިއެވެ.
ބެލިންގްހަމްއަށް ރަތްކާޑު ދައްކާފައިވަނީ ލަލީގާގައި ފާއިތުވި ހޮނިހިރި ދުވަހު އޮސަސޫނާއާއި ބައްދަލުކުރި މެޗުގެ 39 ވަނަ މިނިޓްގައި ރެފްރީ ހޯސޭ ލުއިސް މުނުއޭރާ މޮންޓޭރޯ އާ ބެއަދަބީކޮށް މުހާތަބުކުރި މައްސަލައެއްގައެވެ.
ނަމަވެސް ރެއާލް, އަދި ބެލިންގްހަމްވެސް ވަނީ ރެފްރީ އެކަމާގުޅޭ ގޮތުން ނިންމި ނިންމުން ޤަބޫލުނުކޮށް އެކަން ފެޑެރޭޝަންގެ އެޕީލް ކޮމިޓީގައި އިސްތިއުނާފުކޮށްފައެވެ.
އިސްތިއުނާފު ކޮމިޓީން ރެއާލްގެ އިސްތިއުނާފު ޤަބޫލުނުކުރީ ރެފްރީގެ ނިންމުން ބަދަލުކުރެވޭ ވަރުގެ ހެއްކެއް ހުށަހަޅާފައި ނުވާތީ ކަމުގައި ކޮމިޓީގެ ނިންމުމުގައި ވެއެވެ.
ސަސްޕެންޝަންގެ ސަބަބުން އިނގިރޭސި މިޑްފީލްޑަރަށް ލަލީގާގައި ރެއާލުން ޖިރޯނާ އަދި ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެއެވެ.
21 އަހަރުގެ ބެލިންގްހަމް މި ސީޒަންގައި ލީގުގައި ކުޅުނު 20 މެޗުގައި ހަތް ގޯލް ކާމިޔާބުކޮށް އިތުރު ހަ ގޯލް ޖެހުމުގައި ވަނި އެހީތެރިވެފައެވެ.
އޮސަސޫނާ އާ ބައްދަލުކުރި މެޗުން 1-1 ން އެވަރުވެ ލީޑު ފުޅާކުރަން ރެއާލަށް ލިބުނު ފުރުޞަތު ގެއްލިފައިވަނިކޮށް ވާދަވެރި ބާސެލޯނާއިންވަނީ އޭގެ ދެދުވަސްފަހުން ތާވަލްގައި ރެއާލް ދަމަހައްޓަމުން އައި މަޤާމް އަތުލާފައެވެ. 51 ޕޮއިންޓާއެކު ޕޮއިންޓްގެ ގޮތުން ބާސެލޯނާ އާ އެއްވަރުވެ ތާވަލްގެ ދެވަނައިގެ އޮތް ރެއާލް, ޖިރޯނާ އާ ދެކޮޅަށް ނިކުންނާނީ އަންގާރަދުވަހުއެވެ.
ރިއެކްޝަންސް






