އިޓަލީގެ އެނބުރި އައުން, 3-1 ން ފްރާންސް ބަލިކޮށްފި
ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ދޭއްގައި ހުކުރު ދުވަހުގެރޭ އިޓަލީން ފްރާންސް ބަލިކޮށްފިއެވެ. މެޗު އިޓަލީން ކާމިޔާބުކުރީ ފްރާންސުން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ.
ފްރާންސުން ލީޑް ނެގީ މެޗު ފަށައިގެން ފުރަތަމަ މިނިޓްގެ ބާރަވަނަ ސިކުންތުގައި ބްރެޑްލީ ބާކޮލާ ޖެހި ލަނޑުންނެވެ. މިއީ ފްރާންސްގެ ބާކޮލާ ޤައުމީޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ.
ފުރަތަމަ ގޯލް ޖެހިތާ ބައިގަޑިއިރު ފަހުން 30 ވަނަ މިނިޓްގައި އިޓަލީން ނަތީޖާ އެއްވަރުކުރިއެވެ. ސަންޑްރޯ ޓޮނާލީ ފުންނާބުގެ ފަހަތުން ޖައްސާލި ބޯޅަ ގޯލަށް ފޮނުވާލައިގެން އިޓަލީގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ ފެޑްރީކޯ ޑިމަރީކާ އެވެ.
އިޓަލީން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން ހަވަނަ މިނިޓްގައި ޑޭވިޑް ފްރައްޓެސީ އެވެ. އަދި އޭގެ ފަހުން މެޗުގެ 74 ވަނަ މިނިޓްގައި އިޓަލީން ތިން ވަނަ ގޯލް ޖަހާ ލީޑް ފުޅާކުރިއެވެ. އެގޯލް ކާމިޔާބުކޮށްދިނީ ގިއަކޯމޯ ރަސްޕަޑޯރީ އެވެ.
ޔޫރޯ 2024 ގެ ނާކާމިޔާބަށްފަހު އެނބުރި އައިސް އިޓަލީ އާއި ފްރާންސުން ވެސް މާޒީގެ ހިތިކަން ފިލުވާލެވޭތޯ ހިތްވަރާއެކު މަސައްކަތްކުރިއެވެ. ނަމަވެސް އެންމެ ފަހުން މެޗު ކާމިޔާބު ކުރީ އެންމެ ފަހުގެ ތިން ޔޫރޯގެ ވެސް ގަދަ ސޯޅައިން ކެޓި އިޓަލީއެވެ.
ޤައުމުން ބޭރުގައި ކުޅުނު އިޓަލީއަށް ރޭގެ މެޗުގައި އެހާ ކުރީކޮޅު އެމީހުންގެ ގޯލަށް ބޯޅައެއް ވަނުމުން އުނދަގޫތަކެއް ކުރިމަތިވިއެވެ. ފަސްވަނަ މިނިޓްގައި ގޯލެއް ކާމިޔާބު ކުރާނެ ފުރުޞަތެއް ލިބި ނާކާމިޔާބުވެސް ވިއެވެ.
މެޗުގައި އިޓަލީގެ ކީޕަރު ޑޮނަރުއްމާ ވަނީ ކީލިއަން އެމްބާޕޭ އާއި އާއި މައިކަލް އޮސްލީގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަތައް ދިފާއުކޮށްފައެވެ. މިއީ އޮސްލީ ޤައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
އިޓަލީގެ ދެވަނަ ގޯލް ޖަހަން އެހީތެރިވި ޓޮނާލީ އަކީ ވެސް ބެޓިން ރޫލްސް އާ ޙިލާފްވެގެން 10 މަހުގެ ސަސްޕެންޝަނެއް ފުރިހަމަކޮށް އެނބުރި އައި ކުޅުންތެރިއެކެވެ.
ހުކުރު ދުވަހު ކުޅުނު މި ގްރޫޕްގެ އިތުރު މެޗުތަކަށް ބަލާއިރު 1-3 ން ބެލްޖިއަމް އިން އިޒްރާއިލް ބަލިކޮށްފައިވާއިރު, ހޯމަ ދުވަހު ފްރާންސް ބައްދަލު ކުރާނީ ބެލްޖިއަމް އާއެވެ. އިޓަލީގެ އަވޭ މެޗް އިޒްރާއިލް އާ ދެކޮޅަށް ކުޅޭނީ ބުޑަޕެސްޓް ގައެވެ.
ރިއެކްޝަންސް