
ހުރިހާ ގެއަކަށް މަސްދަޅުކޭސް ލިބޭނެ، ބަހާ ތަންތަން އިތުރުކޮށްފި
ރަމަޟާން މަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް ހުރިހާ ގެއަކަށް ލިބޭނެކަމުގެ ޔަގީންކަން ދެމުން މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ ތަންތަން އިތުރުކޮށްފިއެވެ.
ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް އިތުރަށް ފުޅާކޮށް، މާލޭގެ އިތުރު ސަރަހައްދުތަކާއި ހުޅުމާލޭގައި އައު ތަންތަން ހަމަޖައްސާފައިވެއެވެ.
އެގޮތުން އަލަށް މަސްދަޅުކޭސް ބަހަށް ހަމަޖެއްސި ތަންތަނަކީ:
- ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިޑިބަރި ކައިރި
- ސޯޝަލް ސެންޓަރު
- ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އިތުރު ދެ ތަނަކުން
މިހާތަނަށް 9,394 މަސްދަޅު ކޭސް ބަހާފައިވާ ކަމަށް މިނިސްޓަރު ހާމަކުރައްވާފައިވެއެވެ. އަދި މޭން ޕަވަރ އިތުރުކޮށް، އިންތިޒާމުތައް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި މަސްދަޅު ކޭސް ނުބަހާނެ ކަމަށެވެ. އަދި ރޭ ގިނަ ބަޔަކު ގިނައިރު ސަފުގައި ތިބެން ޖެހުނު ކަމަށް ޓަކައި މަޢާފަށް އެދިވަޑައިގެންފައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ހުރިހާ ގޭބީސީއަކަށް މަސްދަޅު ކޭސް ލިބުނުކަން ޔަޤީންވަންދެން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި 28 ފެބްރުއަރީގެ ފަހުންވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެކްސް މެދުވެރިކުރައްވާ މިނިސްޓަރ ދެއްވި މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ރިއެކްޝަންސް






