
މެދުތެރޭ ޣައްޒާގެ އެހީބަހާ ޕޮއިންޓް ބަންދުކޮށް ޣައްޒާގެ ރައްޔިތުން ރަފަޙްއަށް ދާން މަޖުބޫރުކުރަނީ
އިޒްރާއިލްގެ ޕްލޭންއަކީ ރަފަޙްއަށް ޣައްޒާގެ މުޅި އާބާދީ ޖަމާކުރުން
ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން މެދުތެރޭ ޣަައްޒާގައި އެހީބަހަމުންދިޔަ ޕޮއިންޓް ބަންދުކޮށް ހައިހޫނުކަމުގައިވާ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ބޭނުންނަމަ ރަފަޙްއަށް ދާން މަޖުބޫރުކޮށްފައިވާކަމަށް އެސަރަހައްދުން ރިޕޯޓްކުރި އަލްޖަޒީރާގެނޫސްވެރިޔާ ބުނެފިއެވެ.
ތާރެޤް އަބޫ އަޒޫމް އާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވާގޮތުގައި ކާބޯތަކެތި ބޭނުންނަމަ ނުރައްކާތެރި ދިގު މަގެއް ހުރަސްކޮށް ރަފަޙްގައި އެހީބަހާ ޕޮއިންޓަށް ދިއުމަށް އެޖަމާއަތުންވަނީ އަންގާފައެވެ.
މެދުތެރެއިން ރަފަޙްއަށް ދާންއޮންނަ މަގަކީ އަބަދުވެސް އިޒްރާއިލްގެ ޑްރޯންތަކުން ކެނޑިނޭޅި މަތީގައި އުދުހޭ, އަދި އިޒްރާއިލްގެ އަސްކަރިއޔާގެ ހަމަލާތައް ގިނައިން ދޭ މަގެކެވެ.
ރަފަޙްގެ އާބާދީއަށް ވާވަރާ ގާތަށްވެސް އެސަރަހައްދުގައި އެހީގެ ސާމާނު ނުލިބޭއިރު މީހެކުރިން މެދުތެރެއިން ރަފަޙްއަށް ދިޔަ މީހަކަށް އެނބުރި އާދެވުނިިއްޔާވެސް އައީ ހުސްއަތާއެކުއެވެ. އެހެންނަމަވެސް ހައިހޫނު ކަމުގެ އިންތިހާ ގުނަމުންދާ ޣައްޒާގެ އާބާދީތަކަށް މިނޫންގޮތެއް ނެތެވެ.
ބައެއްފަރާތްތަކުން ޤަބޫލުކުރާގޮތުގައި މިއީ އިޒްރާއިލްގެ ދިފާއީ ވަޒީރު އިއުލާންކުރި ޣައްޒާގެ އާބާދީ އެއްކޮށް ރަފަޙްއަށް ޖަމާކުރުމުގެ ހީލަތްތެރި ރޭވުމުގެ ދަށުން ޣައްޒާގެ ރައްޔިތުން ގޮތްހުސްކުރުވާ ރަފަޙްއަށް ދިއުމަށް މަޖުބޫރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ރަފަޙްއަށް ދިއުމަށްފަހު އެނބުރު އައުމުގެ ފުރުޞަތު ނުލިބޭނެކަމަށް އިޒްރާއިލްގެ ދިފާއީ ވަޒިރު, އިޒްރާއިލް ކާޓްޒް ތަކުރާރުކޮށް ބުނެފައިވާކަމަށް އިޒްރާއިލްގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އަދި މިގޮތަށް މެދުތެރޭގައި ކާނާ ލިބުން ދަތިކޮށް ދެކުނުގައި އެހީ ބަހާ ޕޮއިންޓްތައް އިތުރުކުރުމަކީ އިޒްރާއިލްގެ މި މަޤްޞަދު ހާސިލްކުރުމަށް އޮތް އެންމެ ފަސޭހަވެސް ގޮތެވެ. އިޒްރާއިލްގެ ދިފާއީ ވަޒީރު އިއްޔެވަނީ ސިފައިންނަށް ރަފަޙްގައި "އިންސާނިއްޔަތުކަމުގެ ސިޓީ" އެއް ޤާއިމްކުރުމުގެ ކުރެހުން އެކުލަވާލުމަށް އަންގާފައި ކަމުގައިވެސް އިޒްރާއިލްގެ ނޫސްތަކުން ބުނެފައި ވެއެވެ.
ނަމަވެސް ޣައްޒާގެ ރައްޔިތުންދަނީ އެމީހުން ތިބިތަން ނޫން އެހެންތަނަކަށް ނުގެންދެވޭނެކަމަށާއި, ޙާއްސަކޮށް ޣައްޒާގެ ބިން ދޫކޮށް ނުދާނެކަމަށް ބުނަމުންނެވެ.
ރިއެކްޝަންސް






