
ދަރިވަރުންގެ މުޒާހަރާގެ ބައިވެރިންނަށް "ބަޑިޖެހުމަށް" ހަސީނާ އަމުރުކުރި: ރިޕޯޓް
ހަސީނާގެ ސިއްރު ފޯންކޯލްގައި ވަނީ ފެނުނުތާކުން ބަޑިޖެހުމަށް އަމުރުކޮށްފައި
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޙް ހަސީނާގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް 2024ގައި އެގައުމުގެ ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެއްވުންތަކުގެ ބައިވެރިންނާ އަމާޒުކޮށް ބަޑިޖެހުމަށް ހަސީނާ ފުލުހުންނަށް އަމުރުކޮށްފައިވާކަން ހާމަވެއްޖެއެވެ.
"ފެނުނުތާކުން ބަޑިޖަހާ" އަލްޖަޒީރާއަށް ލިބިފައިވާ ހަސީނާގެ ސިއްރު ފޯން ކޯލްގައި ފުލުހުންނަށް އަމުރުކޮށްފައިވާކަމަށް އެނޫހުން ބުނެފައި ވެއެވެ.
އެއްވުންތައް 5 ހަފުތާއަށް ދިގުދެމިގެންގޮސް ބޮޑު މުޒާހަރާއަކަށް ބަދަލުވެ, ހަސީނާ ވެރިކަން ދޫކޮށް ފިލައިގެން އަވަށްޓެރި އިންޑިއާގެ ހިމާޔަތް ހޯދައިގެން ދިޔައީ ފާއިތުވި އަހަރުގެ އޯގަސްޓް މަހުއެވެ. 15 އަހަރުވަންދެން ބަންގްލަދޭޝްގައި ވެރިކަން ކުރި ހަސީނާގެ އަމުރަށް މުޒާހަރާގެ ބައިވެރިން ގަޔަށް ބަޑިޖަހާ 1400 އާންމުން ވަނީ މަރާލާފައެވެ. އެގައުމުގެ އިންޓަނޭޝަނަލް ޓްރައިބިއުނަލް އިން ބުނި ގޮތުގައި ހަމަނުޖެހުންތަކުގައި 30,000 ށް ވުިރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
އަލްޖަޒީރާއިން ބުނި ގޮތުގައި އެނޫހުގެ ތަޙްޤީގް ޔުނިޓުގެ ފަރާތުން ވަނީ އެ ފޯންކޯލް ރެކޯޑިންގެ ސައްހަކަން ބެލުމަށާއި އާޓިފިޝަލް އިންޓެލިޖެންސް އިން ރެކޯޑިންއަށް ބަދަލެއް ގެނެސްފައި ވޭތޯ ބެލުމަށް ތަޖުރިބާކާރުންގެ އެޙީވެސް ހޯދާފައެވެ. އަދި ތަޖުރިބާކާރުންގެ އެހީގައި އެއީ ހަސީނާގެ އަޑުކަން ކަށަވަރުކުރެވިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެގޮތުން ޖުލްއި 18 ވަނަ ދުވަހު ނޭޝަނަލް ޓެލެކޮމިއުނިކޭޝަން މޮނިޓަރިން ސެންޓަރުން ރެކޯޑްކޮށްފައިވާ ކޯލް ގައި ހަސީނާ ވަނީ މުޒާހަރާގެ ބައިވެރިންނަށް ގެއްލުންދެނިވި ބާރުގަދަ ހަތިޔާރު ބޭނުންކުރުމަށްވެސް ހުއްދަދީފައި ކަމުގައި އެނޫހުން ބުނެފައި ވެއެވެ.
"އަަހަރެންގެ އިރުޝަދު މިހާރުވެސް ވާނީ ދީފައި. އެއްކޮށް ހުޅުވާލެވިފައި އަމުރެއް މިހާރު ނެރެފައިވާނީ. މިހާރު އެމީހުންނާ ދެކޮޅަށް ބާރުގެ ބޭނުން އެންމެ މަތިން ކުރުމަށް އަދި ފެނުނުތާކުން އެމީހުންގެ ގަޔަށް ބަޑިޖެހުމަށް" ހަސީނާގެ ކޯލްރެކޯޑިންގައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.
ރިއެކްޝަންސް






