21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ރަސްމީކޮށް ފަށައިފި
ރާއްޖޭގައި ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް (އޭއެމްއެސް) ރަސްމީކޮށް ފަށައިފިއެވެ. މި ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިންތިޒާމުކުރާ ބޮޑު ހަރަކާތެކެވެ.
"މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ. މި ސަމިޓް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި، ޕީއެސްއެމްގެ އިސް ބޭފުޅުންގެ އިތުރުން އޭޝިއާ ސަރަޙައްދުގެ އެކި ޤައުމުތަކުގެ ބްރޯޑްކާސްޓަރުންނާއި މީޑިއާ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓުގައި ޖުމްލަ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، އޭގެ ތެރެއިން 80 އިންސައްތައަކީ ރާއްޖޭން ބޭރުން ވަޑައިގެންނެވި ބޭފުޅުންނެވެ.
މި ސަމިޓުގެ ތެރޭގައި މައިގަނޑު 8 ޕްލިނަރީ ސެޝަނެއް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ޕަބްލިކް މީޑިއާއަށް މަގުފަހިކުރުމާއި ސިޔާސަތުތަކާ ގުޅޭ ހައި ލެވެލް މިނިސްޓީރިއަލް ސެޝަނެއް ހިމެނެއެވެ. އެހެނިހެން ސެޝަންތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދައުރާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ.
މީގެ އިތުރުން، އޭއައިބީޑީ އިންޓަރނޭޝަނަލް މީޑިއާ އެވޯޑްސް ދިނުމާއި، ގާލާ ޑިނާރއެއްގެ އިތުރުން ކަލްޗަރަލް ޝޯވއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސަމިޓުގެ ކުރިން އިއްޔެ ވަނީ އޭއައި ޓޫލްތައް ބޭނުންކުރުމާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރާ ގުޅޭ ޚާއްސަ ވޯކްޝޮޕްތަކެއްވެސް ފަށާފައެވެ.
މި ސަމިޓަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބްރޯޑްކާސްޓިންގ ދާއިރާގެ އިސްވެރިން އެއްވެ، ޒިންމާދާރު މީޑިއާގެ ޚިދުމަތެއް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މި ސަމިޓް ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތަކުންނެވެ.
ރިއެކްޝަންސް





