
ފަލަޞްޠީނުން ދިވެހިރާއްޖެ އަަށް ކަނޑައެޅުއްވި އާ ސަފީރު, މަގާމުގެ ފަތްކޮޅު ރައިސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ފަލަޞްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު އިހާބް އިބްރާހިމް މުޙައްމަދު ޙަލީލް, އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލް ޖުމްހޫރިއޔާ ޑރ. މުޙައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ފަތްކޮޅު އެރުވުމުން ރައީސް މުއިއްޒު ވަނީ އައު ސަފީރަށް މަރުހަބާ ދަންނަވާފައެވެ. ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ފަލަޞްޠީނުގެ ހައްޤުގައި އަޑުއުފުލުމުގައި ސާބިތުކަމާއެކު ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ސަފީރަށް އަރުވާފައެވެ.
ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސަފީރު ވަޑައިގައިތީ ރަސްމީ އިއްޒަތުގައި, ބެރދުންމާރި ތާޅަފިލީގައި, ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
ސަފީރުވެސް ވަނީ ދިވެހިރާއްޖެއިން ފަލަޞްޠީނުގެ ހައްޤުގައި ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް , ހާއްސަކޮށް ބައިނަލްއަޤްވާމީ ދުނިޔޭގައި ފަލަޞްޠީނުގެ މިނިވަންކަމަށްކުރާ ވަކާލާތުގައި ދެގޮތެއްނުވެ ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ފަތްކޮޅު އެރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު އަދި ސަފީރު އިހާބް އިބްރާހިމް ހަލީލް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖެއިން ފަލަޞްޠީނާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރެވުނީ ދިވެހިރާއްޖެއަށް މިނިވަންކަން ލިިބުންތާ 17 އަހަރު ފަހުން 4 އެޕްރީލް 1982 ގައެވެ.
ރިއެކްޝަންސް






