
އެއާ އިންޑިއާގެ މަތިންދާ ބޯޓެއް 242 މީހުންނާއެކު އަޙްމަދުއާބާދަށް ވެއްޓިއްޖެ
ބޯޓް ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ގެތައް މައްޗަށް
195 ފަސިންޖަރުންނާއި 12 ކްރޫންނާއެކު ދަތުރުކުރަމުންދިޔަ އެެއަރ އިންޑިއާގެ މަތިންދާބޯޓެއް އަޙްމަދު އާބަދުގެ މީހުންދިރިއެޅޭ އިމާރާތްތަކެއްގެ މައްޗަށް ވެއްޓިއްޖެއެވެ. ބައެއް ފޮޓޯތަކުން ވަނީ ބޯޓްގެ ބައިތައް އިމާރާތްތަކުގެމަތީގައި ތާށިވެފައިވާ މަންޒަރުތައްވެސް ފެނިފައެވެ.
ގުޖުރާތުގެ އަހްމަދު އާބާދުން ލަންޑަނަށް ދިއުމަށް ދަތުރުފެށި އެއަރ އިންޑިއާގެ ބޯޓް A1171 ވެއްޓިފައިވަނީ އަޙްމަދު އާބާދުގެ އެއަރޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމުގައި ޓައިމްސް އޮފް އިންޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. ބޯޓް ވެއްޓިފައިވަނީ އިންޑިއާގެ ގަޑިން މިއަދު 1:47ގައެވެ.
ވެއްޓުނު ބޯޓުގައި ގުޖުރާތުގެ ޗީޕް މިނިސްޓަރު ވިޖޭ ރުޕާނީ އިންނެވިކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ބޯޓު ވެއްޓެ މަންޒަރު ހިމެނޭ ވީޑިއޯއިން ފެންނަގޮތުގައި ބޯޓް ވެއްޓުނުއިރު ބޯޓުގެ ލޭންޑިން ގިއަރުވެސް ރަނގަޅަށް މައްޗައް ނުނެގެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ވާގޮތުން ބޯޓު ވެއްޓުމާއެކު އެސަރަހައްދުންވަނީ ބޯ ދުންތައް އަރާފައެވެ. މީހުން ސަލާމަތްކުރާ ފަރާތްތަކުން މިހާރު ބޯޓު ވެއްޓިފައިވާ ސަރަހައްދަށް ފޯރާފައިވާކަމަށާއި, މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަަމަށް އެނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.
ރިއެކްޝަންސް






