އިޒްރާއިލްގެ 'ބްލޮކޭޑް' ފަޅާލާ އިންސާނީ އެހީއާކު 'މަޑްލީން' ކަނޑުމަގުން  ޣައްޒާއަށް  ނައްޓާލައިފި
މަޑްލީން ސިސިލީގެ ކެޓާނިއާ ބަނދަރުން ނައްޓާލަނީ: ފޮޓޯ: އެފްއެފްސީ

އިޒްރާއިލްގެ 'ބްލޮކޭޑް' ފަޅާލާ އިންސާނީ އެހީއާކު 'މަޑްލީން' ކަނޑުމަގުން ޣައްޒާއަށް ނައްޓާލައިފި

ފްރީޑަމް ފްލޮޓިީލާ ކޯލިޝަންގެ އުޅަނދު 12 މީހުންނާއި އެކު މި ފެށި ދަތުރު ޣައްޒާއަށް ފޯރަން 7 ދުވަސް ނަގާނެ

2 days ago - 11:27
Jun 2, 2025 - 11:33

ބައިނަލްއަޤުވާމީ ޖަމްއިއްޔާ 'ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ' ކަނޑުއުޅަނދު 'މަޑްލީން' 12 ކުރޫންނާއެކު އިންސާނީ އެހީ ހިފައިގެން ޣައްޒާގައި އިޒްރާއިލްއިން ގާއިމްކޮށްފައިވާ ބްލޮކޭޑް ފަޅާލުމަށް ދަަތުރު ފަށައިފިއެވެ. 

ސިސިލީގެ ކެޓާނިއާ ބަނދަރުން އާދިއްތަ ދުވަހު ބޯޓު ނައްޓާލާފައިވަނީ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގް އާއި ގޭމްސް އޮފް ތްރޯންސްގެ ތަރި ލިއަމް ކަނިންގްހަމް އާއެކު އިތުރު 10 މީހުންނާއެކުއެވެ. 

މެއި 2 ގައިވެސް ޕްރީޑްމް ފްލޮޓީލާ ކޯލިޝަންގެ އުޅަނދެއް ކަނޑުމަގުން  އިންސާނީއެހީއާއެކު ފުރިއެވެ. ނަމަވެސް މޯލްޓާކައިރިން މެޑިޓެރޭނިއަން ކަނޑުގައި ބޯޓްއޮށްވައި އިޒްރާއިލްގެ ދެ ޑްރޯން ހަމަލާއެއް އަރާ ބޯޓުގެ ކުރީކޮޅު އެއްކޮށް ހަލާކުވެ ދަތުރު ހުއްޓާލަން ޖެހުނެވެ.

ސްވިޑްންގެ ގްރޭޓާ އާއި އަޔަލެންޑްގެ ލިއަމްގެ އިތުރުން މިފަހަރު ބޯޓްގައި ދަތުރުކުރަނީ ޔޫރަޕްގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރު, ފްރާންސްގެ ރިމާ ހަސަން, ޖަރުމަނުގެ ޔާސްމިން އަކަރް, ބްރެޒިލްގެ ތިއާގޯ އަވިލާ, ސްޕެއިންގެ ސާޖިއޯ ޓޮރީބިއޯ, ތުރުކިޔޭ ގެ ޝުއައިބް އޮރްދޫ, ނެދަލެންޑްސްގެ މާކް ވެން ރެނެސް އަދި ފްރާންސްގެ ބަޕިސްޓެ އަންދްރޭ, އޮމަރް ފައިއަދް, ޕަސްކަލް މައުރިއޭރާސް, ރެވާ ވިއާޑް އަދި ޔާނިސް ހަމްދީއެވެ. މި އެންމެންނަކީވެސް ބައިނަލްއަޤުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންނެވެ.

Advertisement
Advertisement

މަޑްލީންގައި ގެންދާ އިންސާނީ އެހީގެ މިންވަރު މަދުނަމަވެސް އެކްޓިވިސްޓުން ޤަބޫލުކުރާ ގޮތުގައި މިއީ ޣައްޒާ އިންސާނީ އެހީއަށް ބަނދުކޮށްފައި އޮތްްއޮތުމަށް ގޮންޖަހާ 'ބްލޮކޭޑް' ފަޅާމުގެ ގޮތުން ގެންދެވޭ ރަމްޒީ އެހީއެވެ. އަދި މިއީ އިޒްރާއިލްގެ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމުގައެވެ.

"އަހަރެމެން މިކަން މިކުރަނީ, އެއީ ކިތަންމެ ކުޑަކަމަކަށްވިއަސް އަހަރެމެން މިކަން ކުރިއަށް ގެންދަންޖެހޭތީ. ސަބަބަކީ އަހަރެމެން މިކަން ހުއްޓާލާ ދެއަތް އުރާލައިފިނަމަ, އެހިސާބުން އަހަރެމެންގެ އިންސާނިއްޔަތުކަން ގެއްލިގެން ދިޔައީ" ދަތުރަށް ފެށުމުގެ ކުރިން ސިސިލީގެ ބަދަރަށް އެއްވެފައި އޮތް ނޫސްވެރިނަށް ގްރޭޓާ ބުންޏެވެ.

ގްރޭޓާ އިތުރަށް ބުނީ މި މިޝަން އަކީ ކިތަންމެ ނުރައްކާތެރި މިޝަންއެއް ކަމަށްވިއަސް ޣައްޒާގައި އިންސާނުން ތަޙައްމަލުކުރަމުންދާ ޤަތުލްއާންމާމެދު ހަނުހުރުމަށްވުރެ ނުރައްކާތެރިކަމެއް ނެތްކަމަށެވެ.

 ގްރޭޓާ އަކީ އިޒްރާއިލްއިން ޣައްޒާގައި ޤަތުލްއާންމު ފެށީއްސުރެ ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި މެދުކެނޑުމެއްނެތި އަޑު އުފުލާ ފަރާތެެކެވެ. 2024 ވަނަ އަހަރު އޭނާ ކިޔަވަމުންދިޔަ ޔުނަވަރސިޓީގައި ޤަތުލްއާންމާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާއިން އޭނާ ހައްޔަރުވެސް ކުރިއެވެ.

ކަނޑުމަގުން އިތުރު ހާދިސާއެއް ދިމާނުވާނަމަ 7 ދުވަހުގެ ތެރޭގައި މަޑްލީން ޢައްޒާއަށް ފޯރާނެއެވެ.

މީގެ 15 އަހަރު ކުރިންވެސް އިޒްރާއިލްއި ވަނީ "މާވީ މަރްމާވާ" ކިޔާ އުޅަނދެއް ކަނޑުމަގުން ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަނިކޮށް ހަމަލާ ދީފައެވެ. އެފަހަރުވެސް އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީ ވަނުމަށް ދަތިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަށް ފެށި ދަތުރުގައި ނޫސްވެރިންނާއި އިންސާނީ އެހީއާއެކު ދަތުރުކުރި 9 އެކްޓިވިސްޓަކު ވަނީ އިޒްރާއިލްއިން ހަމަލާދީ މަރާލާފައެވެ. މިއީ ސުލްހަވެރި އިންސާނީ އެހީ ފޯރުކޮށްދިނުން އަނިޔާވެރިކަމަށް ބަދަލުކޮށްލި އެއް ހާދިސާއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow