ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ

2 hours ago - 22:46
Advertisement
Advertisement

ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު އެ ރަށުގައި ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތެވެ.


މިއީ ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން 26.67 މިލިއަން ރުފިޔާއަށް، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އެ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.


މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއި، ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިއަށްދެއެވެ. އެގޮތުން، ބަނދަރާއި ފަޅު ފުންކުރުމުގެ ތެރެއިން 39,658.55 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، 451 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހައިގެން ގިރާ ސަރަޙައްދު ޙިމާޔަތްކުރުން ހިމެނެއެވެ. މީގެއިތުރުން 1,962.18 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި ގައު އެތުރުމާއި، އުޅަނދުފަހަރު ކައިރިކުރުމަށް 150 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް އެއްގަމުތޮއްޓެއް ލުމުގެ އިތުރުން 125 މީޓަރުގެ ޖެޓީއެއް ބިނާކުރުންވެސް ހިމެނެއެވެ.


ހަމައެއާއެކު، އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ފަޅަށް ވަދެ ނިކުމެ ހެދުމަށް މަގުފަހިކުރުމުގެ ގޮތުން ނެވިގޭޝަން ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ރިވެޓްމަންޓް އަދި ގްރޮއިން ޖެހުމާއި، ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާ އުޅަނދުތަކަށް މަގުދައްކައިދޭ ނެވިގޭޝަން ލައިޓުތައް ބެހެއްޓުން ހިމެނެއެވެ.


ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެއްކޮށް ނިމުމުން، އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތުރުފަތުރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement