ޓްރާންސްޕޯޓް އޮފީހަށް ބޮޑެތި ބާރުތަކެއް ދީ، ވެހިކަލް ފީތައް ކައުންސިލްތަކަށް ނުލިބޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އިސްލާހުކޮށްފި
ސަރުކާރުން އަލަށް އުފެއްދި ޓްރާންސްޕޯޓް އޮފީހަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށާއި، ވެހިކަލްތަކުން ނަގާ އެކި ފީތައް ދެން ކައުންސިލްތަކަށް ނުލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މައިގަނޑު ގޮތެއްގައި މާލެ ސިޓީ ކައުންސިލަށް އަމާޒުކޮށް ގެނެވުނު މި އިސްލާހުތަކުގެ ބިލު މަޖިލީހުން ފާސްކުރީ 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
މި އިސްލާހުގެ ދަށުން، މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ސިޔާސަތުތަކާ އެއްގޮތަށް ރާވައި ހިންގުމުގެ ބޮޑެތި ބާރުތަކެއް ސަރުކާރުން އުފައްދާފައިވާ "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" އަށް ވަނީ ދީފައެވެ. މި ބާރުތައް ތިން އަހަރުގެ މުއްދަތަކަށް ދީފައިވާއިރު، އެ މުއްދަތު އިތުރުކުރެވޭނީ ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައިގެންނެވެ. އަދި ބާރުތައް ލިބޭތާ 6 މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ދުއްވޭނެ އެންމެ ގިނަ އަދަދުގެ ވެހިކަލް ލިމިޓް ކަނޑައެޅުން އެ އޮފީހަށް މިހާރު ވަނީ ލާޒިމްކޮށްފައެވެ. މީގެކުރިން އެއީ ކައުންސިލްތަކުގެ ޒިންމާއެކެވެ.
މީގެއިތުރުން، ކައުންސިލްތަކަށް ލިބެމުންދިޔަ އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީއާއި، ޓްރެފިކް އަދި ޕާކިންގ ފީތައް ދެން ޖަމާކުރަން ޖެހޭނީ އަލަށް އުފައްދާ 'ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް' އަށެވެ. މި ފައިސާ ބޭނުންކުރަން ޤާނޫނުގައި ލާޒިމްކޮށްފައިވަނީ ހަމައެކަނި މާލޭގެ ޓްރާންސްޕޯޓް މައްސަލަތައް ހައްލުކުރުމަށާއި، މަގުތަކުގައި ޓްރެފިކް ނިޝާންތައް ހަރުކުރުމާއި، ރޯޑް މާކިންގ އެޅުމާއި، ޕާކިންގ އަދި ޓްރެފިކް މެނޭޖްމަންޓުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.
ރިއެކްޝަންސް





