
ހުޅުމާލޭގެ ޒަމާނީ ސިޓީއެއްގެ އައު މާސްޓަރ ޕްލޭން ރައީސް އިފްތިތާޙްކޮށްދެއްވައިފި
ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި ޕްލޭނަކީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ އިންޤިލާބީ ޕްލޭނެއްކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވިއެވެ.
އައު ޕްލޭންގައި ހިމެނޭ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި ބަނދަރު ސަރަޙައްދު ބޮޑުކުރުމާއި، ރެޒިޑެންޝަލް ބޭނުންތަކަށާއި ގްރީން ސްޕޭސްއަށް ބޮޑު ބައެއް ކަނޑައެޅުން ހިމެނޭކަމަށާއި، އަދި ފޭސް 2 އާއި ފޭސް 3 ގުޅުވާލުމަށް 11 ކަނެކްޝަން ޤާއިމުކުރުމާއި، ބައިނަލްއަޤްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން ހިމެނޭކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މި ޕްލޭންގައި ކޮމާޝަލް ބޭނުންތަކަށާއި، މިކްސްޑް ރެސިޑެންޝަލް ކޮމާޝަލް ޒޯނަށް، އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ބިން ކަނޑައަޅާފައިވާކަމަށާއި، އަދި މީގެ އިތުރުން ބިންވެރިޔާ މަޝްރޫޢުގެ ޕްލޮޓްތަކަށް ބިންތައް ކަނޑައެޅުމާއި، އާއިލާތަކަށް ތަފާތު ތަޖުރިބާތަކެއް ލިއްބައިދޭނެ ވަސީލަތްތައް ޤާއިމުކުރުން ހިމެނޭކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މި އައު މާސްޓަރ ޕްލޭނާއެކު ހުޅުމާލެ އިތުރަށް ތަރައްޤީވެ، ރާއްޖޭގެ އެންމެ ޒަމާނީ އަދި ފުރިހަމަ ސިޓީއަކަށް ވެގެންދާނެކަމަށާއި އަދި މިއީ މާލެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދޭނެ މުހިންމު ފިޔަވަޅެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ހުޅުމާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެޗްޑީސީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރިއެކްޝަންސް






