ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް!
މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް އަރައި، އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓުގެ ގޮތުގައި މަގާމު ވަރުގަދަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،198,343 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 17.2 އިންސައްތަ ހިއްސާކުރަނީ ޗައިނާ މާކެޓެވެ. އެގޮތުން ޗައިނާއިން މިހާތަނަށް 201,739 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 174,658 ފަތުރުވެރިންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދެވަނަ މާކެޓުގެ ގޮތުގައި މިހާރު އޮތީ ރަޝިއާއެވެ. އެ ގައުމުން 170,887 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 94,139 ފަތުރުވެރިން ވަނީ އައިސްފައެވެ.
ފަތުރުވެރިން ރާއްޖެއަށް އެތެރެވި މަގުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އެތެރެވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެ އެއާޕޯޓުން 1,168,608 ފަތުރުވެރިން އެތެރެވިއިރު، އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓުން 4,411 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ. މީގެ އިތުރުން ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ އެތެރެވެފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.
ރިއެކްޝަންސް





