ދިއްގަރު 75 ހައުސިންގ ޔުނިޓްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް: ދެވަނަ ޔުނިޓްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި
މ. ދިއްގަރުގައި ސަރުކާރުން ކުރިއަށްގެންދާ 75 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ތެރެއިން، ދެވަނަ ޔުނިޓްގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރި ހިމެނޭނެއެވެ. އެމްޓީސީސީއިން މަޢުލޫމާތު ދޭ ގޮތުގައި، 1000 އަކަފޫޓުގެ ސަރަޙައްދެއްގައި ބިނާކުރާ މި 75 ފުލެޓަކީ 3 ފަންގިފިލާއަށް އިމާރާތްކުރެވޭ ތަންތަނެވެ. މިއީ ޖުމްލަ 117.97 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ސަބަބުން ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، އާއިލާތަކަށް އުފާވެރި އަދި ތަނަވަސް ދިރިއުޅުމެއް އުޅުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.
ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މި ސަރަޙައްދުގައި ކުޑަކުދިންގެ ޕާކަކާއި، ހިތްފަސޭހަ މައިޒާނެއް ތަރައްޤީކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 43 އަހަރު ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެކެވެ. މި ސަރުކާރުންވެސް އަންނަނީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މިފަދަ ގިނަ މަޝްރޫޢުތަކެއް އެ ކުންފުންޏާ ހަވާލުކޮށްގެން ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
ރިއެކްޝަންސް





