ސަބްސިޑީއަށް ކުރި ޚަރަދު 3.4 ބިލިއަން ރުފިޔާއަށް އަރައި، %125 ގެ ބޮޑު އިތުރުވުމެއް
ދައުލަތުން ސަބްސިޑީއަށް ކުރި ޚަރަދު 3.4 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެ، ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ކުރި ޚަރަދާ އަޅާބަލާއިރު 125 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ހާމަވެއްޖެއެވެ.
މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އޯގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ރިކަރަންޓު ޚަރަދު ވަނީ 24.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރިކަރަންޓު ޚަރަދުތައް މި މިންވަރަށް އުފުލިގެން ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުތަނުން އިތުރުވުމެވެ.
މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި މުޅި އަހަރަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް، އަހަރުގެ މެދެއްހާ ހިސާބަށް ދިޔައިރު، އޯގަސްޓު 13 ގެ ނިޔަލަށް ސަބްސިޑީއަށް ހޭދަކުރި މިންވަރު ވަނީ މުޅި އަހަރަށް އަންދާޒާކުރި އަދަދަށްވުރެ 595.3 މިލިއަން ރުފިޔާ އިތުރުވެފައެވެ.
ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަކުރީ 1.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް ކުރި ޚަރަދު ވަނީ ފާއިތުވި އަހަރަށްވުރެ 1.53 ބިލިއަން ރުފިޔާ (125 އިންސައްތަ) އިތުރުވެފައެވެ.
މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި ސަބްސިޑީގެ ޚަރަދު މިހާ ބޮޑަށް އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމެވެ. ރާއްޖެއިން އިމްޕޯޓަށް ކުރި ޚަރަދުތަކަށް ބަލާއިރު ތެލުގެ ބާވަތްތައް އެތެރެކުރުމަށް ކުރި ޚަރަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
އެގޮތުން ޕެޓްރޯލިއަމް އުފެއްދުންތަކުގެ އިމްޕޯޓަށް ފާއިތުވި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 329.8 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 87.6 އިންސައްތަ އިތުރުވެ، 618.8 މިލިއަން ރުފިޔާއަށް އަރާފައެވެ.
ޕެޓްރޯލިއަމްގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޑީސަލް އިމްޕޯޓު ކުރުމަށެވެ. އެގޮތުން ނިމުނު އަހަރު ޑީސަލް އެތެރެކުރުމަށް 251.7 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 88.1 އިންސައްތަ އިތުރުވެ، 473.4 މިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން ޕެޓްރޯލް އެތެރެކުރުމުގެ ޚަރަދުވެސް ވަނީ 41.6 މިލިއަން ރުފިޔާއިން 95.1 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 128.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ތެލުގެ އިމްޕޯޓް ޚަރަދު ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދޭ ކަރަންޓު ސަބްސިޑީއާއި، މަސްވެރިންނަށް ވިއްކާ ޑީސަލަށް ދައުލަތުން ދޭ ސަބްސިޑީއަށް ކުރަންޖެހުނު ހޭދަ ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އަދި ހަމައެއާއެކު، ބައިނަލްއަޤްވާމީ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން އަސާސީ ކާބޯތަކެތީގެ ސަބްސިޑީ ދިނުމަށް ކުރަންޖެހުނު ޚަރަދުވެސް ބޮޑުތަނުން ވަނީ އިތުރުވެގެން ގޮސްފައެވެ.
ރިއެކްޝަންސް





