އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

1 hour ago - 12:22

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް، ކުރިންވެސް އެ މަޤާމު ފުރުއްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާތީ، އެކަމާ ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ، މިހާރު އެ މަޤާމުގައި ހުންނެވި އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ މަޤާމުގެ ދައުރު އަންނަ މަހަށް ހަމަވާތީއެވެ.


އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ. އަދި މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.


ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު ވުޖޫދުވުމަށްފަހު، އެ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވި ބޭފުޅާއެވެ. އެގޮތުން 22 ޖުލައި 2014 އިން ފެށިގެން 22 ޖުލައި 2019 އާ ހަމައަށް ފަސް އަހަރުގެ ދައުރެއް އޭނާ ވަނީ އެ މަޤާމުގައި ފުރިހަމަކުރައްވާފައެވެ.


ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ ދިވެހި ބަހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތު ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.


މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން 13 ޖުލައި 2014 ގައި އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔަކީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ އިންފޮމޭޝަން ކޮމިޝަނަރެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނުން މަތިކޮށްފައިވާ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މިނިވަން ބޭފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow