ނަފްސާނީ ދަތިކަމެއް ތަހައްމަލު ކުރާނަމަ އެހީތެރިކަން ހޯދުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި
ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ އެހީތެރިކަން ހޯދުމަށް އަވަސްވެގަތުމަށް މިނިސްޓްރީ އޮފް ހެލްތު ނުވަތަ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ގޮވާލައްވައިފިއެވެ.
ސިއްޙަތާއި ބެހޭ ވުޒާރާއިން މިފަދައިން ގޮވާލެއްވީ، މުޖުތަމަޢުގައި ފަހަކަށް އައިސް ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް "ނޭޝަނަލް މެންޓަލް ހެލްޕްލައިން" ގެ ނަންބަރު 1677 މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފަންނީ ބޭފުޅުންނާއި، ގުޅުންހުރި އެކި މުއައްސަސާތަކާ ގުޅިގެން މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެމުން، އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވުޒާރާއިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، މީސްމީޑިއާގައި ފަތުރާ ބައެއް ވާހަކަތަކާއި ހިއްސާކުރާ މަޢުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއްކަން ސިއްޙަތާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އެހެންކަމުން، ހަޤީޤަތާ ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އެ ވުޒާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރުމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.
ރިއެކްޝަންސް





