ދިވެހިބަސް ދަސްކޮށްދޭ "ބަސްކާޑު" ސެޓު ނެރެފި
ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރާ އަލިމަސް އިންސްޓިޓިއުޓުން ތައްޔާރުކުރި "ބަސްކާޑު" ސެޓު، މިނިސްޓަރ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އޮނަރަބަލް ހީނާ ވަލީދު ރަސްމީކޮށް ނެރެދެއްވައިފިއެވެ.
މި ބަސްކާޑުތައް ނެރެދެއްވީ ދިވެހިބަހުގެ އެކަޑަމީން އިއްޔެ ހަވީރު ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައި ބޭއްވި "ދިވެހިބަހުގެ ހަވީރު" ގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދާއި، އަލިމަސް އިންސްޓިޓިއުޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލިމަސް އިންސްޓިޓިއުޓުން ބަޔާންކުރި ގޮތުގައި، މި ބަސްކާޑުތަކަކީ އިނގިރޭސިބަސް އުނގަންނައިދިނުމުގައި ބޭނުންކުރާ "ވޯޑް ކާޑު" ތަކުގެ މަފްހޫމަށް ބިނާކޮށް، ދިވެހިބަސް އުނގެނުމަށް ފަސޭހަވާނޭހެން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މިއީ ދަރިވަރުންގެ މެދުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް، ކުޅިވަރުގެ ތެރެއިން ބަސް އުނގަންނައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބަސްކާޑުތައް ހާއްސަކޮށްފައިވަނީ ތަޢުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށެވެ. މީގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދިވެހިބަހުގެ މުއްސަނދި ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





