އަތޮޅުތެރޭގެ 18 ރަށެއްގައި އަލަށް ލެބޯޓަރީގެ ޚިދުމަތް ގާއިމުކޮށްފި

އަތޮޅުތެރޭގެ 18 ރަށެއްގައި އަލަށް ލެބޯޓަރީގެ ޚިދުމަތް ގާއިމުކޮށްފި

2 hours ago - 10:49
Advertisement
Advertisement

ރާއްޖޭގެ އަތޮޅުތެރޭގައި ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް 18 ރަށެއްގައި އަލަށް ލެބޯޓަރީގެ ޚިދުމަތް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.


އެމްއެމްޓީވީން އެދިގެން ޞިއްޙީ ކަންކަމާ ބެހޭ ވުޒާރާއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ކުރިން ލެބޯޓަރީގެ އެއްވެސް ޚިދުމަތެއް ލިބެން ނެތް 18 ރަށެއްގައި މި ދައުރުގެ ތެރޭގައި ވަނީ އެ ޚިދުމަތް ފަށާފައެވެ.


މުޅިން އަލަށް ލެބޯޓަރީގެ ޚިދުމަތް ދޭން ފެށި ރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • ކ. ގުޅި، ކ. ހުރާ، ކ. ހިންމަފުށި
  • ގދ. ހޯޑެއްދޫ
  • އއ. އުކުޅަސް، އއ. ހިމަންދޫ، އއ. މާޅޮސް
  • ލ. މާމެންދޫ، ލ. ދަނބިދޫ
  • ދ. ހުޅުދެއްޔާއި، ނ. މިލަންދޫ، ނ. މާޅެންދޫ، ނ. މާފަރު
  • ހއ. މާރެންދޫ، ހއ. އުތީމު، ހއ. ވަށަފަރު
  • ރ. ވާދޫ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ތައާރަފުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، މިހާތަނަށް އެ ޚިދުމަތް ނެތް ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި ޖާގަ އިތުރުކުރުމާއި، ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.


ޞިއްޙީ ވުޒާރާއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، 2026 ވަނަ އަހަރުގެ ނިޔަލަށް އިތުރު 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް އަލަށް ފެށުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރު އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.


ރަށްރަށުގައި ލެބޯޓަރީތައް ނެތުމުގެ ސަބަބުން، އާދައިގެ ލޭގެ ޓެސްޓެއް ހަދާލުމަށްވެސް ރައްޔިތުންނަށް ޖެހެނީ ބޮޑު ހޭދައެއްކޮށްފައި ހޮސްޕިޓަލް ހުންނަ ރަށްރަށަށް ނުވަތަ މާލެއަށް ދަތުރުކުރާށެވެ. ސަރުކާރުގެ މި ނިންމުމާއެކު، ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން އަސާސީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.


މި މަޝްރޫއު މުޅި ރާއްޖޭގައި ފުރިހަމަވުމުން، ބަލިތައް ކުރިއާލައި ދެނެގަނެ، ފަރުވާގެ މަރުހަލާ އަވަސްކުރުމަށް މަގުފަހިވެ، ރާއްޖޭގެ ބަލިތަކުން ރައްކާތެރިވުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement