ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔަރކުރައްވަން ނިންމެވުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔަރކުރައްވަން ނިންމެވުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

5 hours ago - 20:40
Advertisement
Advertisement

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން މަޤާމުން ރިޓަޔަރކުރެއްވުމަށް ނިންމެވުމާ ގުޅިގެން، އެ ކޯޓުގެ ހުސްވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.


ޖޭއެސްސީން ވިދާޅުވީ، އަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރކުރެއްވުމަށް ފަނޑިޔާރު ޢަލީ ރަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ ދަށުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދެއްވުމަށް އެ ކޮމިޝަނުން މިހާރު ވަނީ ނިންމަވާފައެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ރިޓަޔަރކުރެއްވުމާ ގުޅިގެން، އެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވުމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ވަނީ އިޢުލާނުކޮށްފައެވެ. އެގޮތުން މި މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 8 ވާ ދުވަހުގެ ހެނދުނު 10:00 އެވެ. ކުރިމަތިލައްވަން އެދޭ ބޭފުޅުން ޖޭއެސްސީގެ 'ފަހިރެސް' ޕޯޓަލް މެދުވެރިކޮށް، ނުވަތަ ކޮމިޝަނުގެ ކައުންޓަރަށް ހާޑް ކޮޕީ ހުށަހަޅުއްވައިގެން ވެސް ކުރިމަތިލެއްވޭނެ ކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުޠުތަކުގެ ތެރޭގައި؛ ޢުމުރުން 30 އަހަރު ވެފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. މީގެއިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ލާޒިމުކުރެއެވެ.
ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުގައި ފަނޑިޔާރު ޢަލީ ރަޝީދުގެ އިތުރުން ދެން ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޢަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement