ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް މޯލްޑިވްސް ގޭހުން ވަގުތީ ބަދަލެއް ގެނެސްފި

ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް މޯލްޑިވްސް ގޭހުން ވަގުތީ ބަދަލެއް ގެނެސްފި

9 minutes ago - 17:30
Advertisement
Advertisement

ކައްކަން ބޭނުންކުރާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަގުތީ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ގޭސް ކުންފުނިން ހާމަކޮށްފިއެވެ.


މޯލްޑިވްސް ގޭހުން ނިންމާފައިވާ މި ބަދަލާ އެކު، މީގެ ކުރިން 10 ކިލޯގެ ގޭސް ފުޅިއަށް އަޅަމުންދިޔަ މިންވަރު ވަނީ 7 ކިލޯއަށް ދަށްކޮށްފައެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއަށް އަޅައިދޭ މިންވަރު 14 ކިލޯއަށް، އަދި 45 ކިލޯގެ ފުޅިއަކަށް އަޅައިދޭ މިންވަރު 31 ކިލޯއަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.


ނަމަވެސް، މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. އެގޮތުން އާންމުންގެ އަތުން ފައިސާ ނަގާނީ ކުރިންވެސް އޮންނަ އުސޫލުގެ މަތިން، ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުން ކަމަށް މޯލްޑިވްސް ގޭހުން މަޢުލޫމާތު ދެއެވެ.


މިފަދަ ފިޔަވަޅެއް ވަގުތީ ގޮތުން އަޅަންޖެހުނު ސަބަބު ބަޔާންކުރަމުން އެ ކުންފުނިން ބުނީ، މިއީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ރައްޔިތުންނަށް މި ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ގެނައި ބަދަލެއް ކަމަށެވެ.


ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި މި މަޝްރޫޢު ނިމުމުން، އެއްފަހަރާ 3 މަސް ދުވަހުގެ ގޭސް ރައްކާކުރެވި، މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވްސް ގޭހުން ވިދާޅުވިއެވެ.


ކުއްލިއަކަށް ގެންނަން ޖެހުނު މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވްސް ގޭހުން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement