މި ސަރުކާރުން ބޭރުގެ 313 އިންވެސްޓްމެންޓް ރަޖިސްޓްރީކޮށް ތާރީޚީ ރެކޯޑެއް ހަދައިފި: މިނިސްޓަރު ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ރާއްޖޭގައި ބޭރުގެ 313 އިންވެސްޓްމެންޓެއް ރަޖިސްޓްރީކޮށް ތާރީޚީ ރެކޯޑެއް ޤާއިމުކުރައްވާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ބަޔާންކޮށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ތަފާސްހިސާބުތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް ގެނެވުނު 313 އިންވެސްޓްމެންޓަކީ ސަރުކާރަށް އޮތް އިތުބާރާއި ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ސަރުކާރުތަކުގެ ތަފާސްހިސާބުތަކަށް ބައްލަވާލައްވަމުން މިނިސްޓަރު ހާމަކުރެއްވި ގޮތުގައި:
2008 ން 2013 އަށް: 212 އިންވެސްޓްމެންޓް
2013 ން 2018 އަށް: 406 އިންވެސްޓްމެންޓް
2018 ން 2022 އަށް: 245 އިންވެސްޓްމެންޓް
މި ސަރުކާރުގައި: 313 އިންވެސްޓްމެންޓް
މިނިސްޓަރު ސަޢީދު ވިދާޅުވީ، ދައުލަތުގެ ފައިސާއާއި މުދާ މި ސަރުކާރުން ބަލަހައްޓަމުން ގެންދަނީ އަމާނާތްތެރިކަމާއެކު ކަމަށާއި، މަޢުލޫމާތު ހާމަކުރުމުގައި އިކޮނޮމިކް މިނިސްޓްރީ ވެގެންދާނީ އެހެން ފަރާތްތަކަށް ނަމޫނާއަކަށް ކަމަށެވެ.
މީގެއިތުރުން، އިތުބާރު ނެތްކަމުގެ މައްސަލާގައި ފާހަގަކޮށްފައިވާ ޑޮލަރުގެ ދަތިކަމުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޤާނޫނީ ޒިންމާއެއް ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން ސުވާލު އުފައްދާތީ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރީ ސަރުކާރަށްވުރެ 80 އިންސައްތަ އިތުރަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ.
އެގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2023 އާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައިވަނީ 1.75 ބިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މި ސަރުކާރުން ރަސްމީ ރޭޓުގައި މިހާތަނަށް 1.94 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާބަލާއިރު މި ސަރުކާރުގައި މަހެއްގެ މައްޗަށް ޑޮލަރު ދޫކުރި މިންވަރު ގާތްގަނޑަކަށް 97 އިންސައްތަ އިތުރެވެ. މި ބަދަލު އައީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި މިންވަރަކަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އެޅުމުން ކަމަށް ވިދާޅުވެ، މިހާރު ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކަނީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޝަންސް





