ލަލީގާ: ކުޅުނު ފުރަތަމަ މެޗްގައި ގޯލްޖަހާ އެންޑްރިކްއަށް ރެއާލްގައި ހުވަފެނީ ފެށުމެއް
މެޗު ރެއާލް ކާމިޔާބުކުރީ 3-0 ން
ސްޕެނިޝް ލަލީގާގައި ރޭ 3-0 ން ރިއަލް ވަޔަޑޮލިޑް ބަލިކޮށް, ލީގުގައި ރެއާލް މެޑްރިޑުން ކުޅުނު ދެވަނަ މެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ. ނަމަވެސް ރެއާލްގެ އަމިއްލަ ދަނޑު, ސެންޓިއޭގޯ ބަނަރބެއު ގައި ކުޅުނު މެޗްގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
ފުރަތަމަ ހާފްގައި މެޗް ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ވަޔަޑޮލިޑްއިންނެވެ. ދެވަނަ ހާފު ފެށިތަނާހެން ގޯލެއްޖަހާނެ ރަނގަޅު ފުރުޞަތެއް ލިބި އޭގެ ބޭނުން ރަނގަޅަށް ނުހިފުމުން, މިސީޒަނުގައި އެޓީމާ އަލަށް ގުޅުނު ކީލިއަން އެމްބާޕޭގެ ފަރާތުން ހިތްހަމަނުޖެހުންވެސް ފެނިގެންދިޔައެވެ.
ހިލޭޖެހުމަކުން ލިބުނު ފުރުޞަތެއްގައި ރެއާލްގެ ފުރަތަމަ ގޯލް މެޗްގެ 50 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފާއިތުވި ހަ ސީޒަންގައިވެސް ރެއާލްއަށް ކުޅުނު އުރުގުއާއީގެ ފެޑްރީކޯ ވަލްވާޑޭއެވެ.
ދެވަނަ ހާފްގައި ގިނަ ބަދަލުތަކާއެކު ރެއާލްގެ އެޓޭކު ވަރަގަދަކުރިއެވެ. ނަތީޖާއަކަށްވީ 88 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުން ބްރަހިމް ޑިއަޒް ރެއާލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނުމެވެ. އޭނާ ލަނޑު ޖެހީ ޑިފެންޑަރު އެޑަރ މިލިޓާއޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ރެއާލް މެޑްރިޑާ މިސީޒަންގައި އަލަށް ގުޅުނު ބްރެޒިލްގެ ފޯވާޑް ވަނީ މެޗުގެ އިތުރު ވަގުތުގައި އޭނާގެ ފުރަތަމަ ގޯލް ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދީފައެވެ. ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން އޭނާ ކުޅުނު ރަސްމީ ފުރަތަމަ މެޗުން މޮޅުވުމަށްފަހު އެންޑްރިކް ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
"ވަރަށް އުފާވެއްޖެ. އަހަރެންގެ ހުވަފެން ހަޤީގަތަކަށްވެއްޖެ. މިދަނޑުގައި އަހަރެން ކުރިންވެސް ބްރެޒިލްގެ ގައުމީ ޓީމާއެކު ކުޅެ ގޯލް ޖެހިން. މިއީ ލަލީގާ ގައިވެސް, އަދި ރެއާލްގައިވެސް އަހަރެންގެ ފުރަތަމަ މެޗް. ބުނާނެ އެއްޗެއްވެސް ނޭނގެ. ކުރިން ވީޑިއޯ ގޭމްތަކުން ފެންނަ މޮޅު ކުޅުންތެރިންނާއެކު ހަގީގަތުގައިވެސް ކުޅެން ލިބުމުން ވަރަށް އުފާވޭ" 18 އަހަރުގެ އެނޑްރިކް ބުންޏެވެ.
ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑް ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗްވެސް ނިމުނީ 0-3 ގެ ނަތީޖާއަކުންނެވެ. އެތްލެޓިކޯގެ ފުރަތަމަ ގޯލް 39 ވަނަ މިނިޓްގައި ކާމިޔާބު ކުރީ އެންޓޮއިން ގްރީޒްމަން އެވެ. ދެވަނަހާފު ފެށިގެން ތިން ވަނަ މިނިޓްގައި ދެވަނަ ގޯލް ޖެހީ ގްރީޒްމަން ތަނަވަސްކޮށްދިން ފުރުޞަތެއްގައި މާކޮސް ލޮރެންޓޭއެވެ އަދި މެޗްގެ އިތުރު ވަގުތުގައި ލޮރެންޓޭގެ އެހީއާއެކު ތިންވަނަ ގޯލް ޖެހީ ކޯކޭއެވެ.
ރޭގެ މެޗްގައި ޗެލްސީން އެތްލެޓިކޯ މެޑްރިޑަށް އަލަށް ގުޅުނު ގެލަގާވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ މޮޅު ކުޅުމެއް ދެއްކިއެވެ.
ޖުމްލަ ހަ ޕޮއިންޓާއެކު ލަލީގާގެ ތާވަލްގެ ދެވަނައިގައި ބާސެލޯނާ އޮތްއިރު އެއްވަނައިގައި އޮތީ ސެލްޓަވީގޯއެވެ. ހަތަރު ޕޮއިންޓާއެކު ތިން ވަނަގައި އެތްލެޓިކޯ މެޑްރިޑް އޮތް އިރު ހަތަރު ޕޮއުންޓާއެކު ރެއާލްމެޑްރިޑް އޮތީ ހަތަރު ވަނައިގައެވެ.
ރިއެކްޝަންސް