
މާލޭގެ ގޭގެއަށް ފެން ވަންނާތީވެ ބަރުއުޅަނދު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފި
މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ، މާލޭގެ މަގުތަކުގައި ބަރު އުޅަނދުފަހަރު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލހުން މިކަމަށް އިލްތިމާސްކޮށްފައި ވަނީ މާލޭގެ މަގުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވުމާއި ގުޅިގެން "މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ އެލާރޓް" ގޮތުގައި އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
"ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް ދަންނަވަން." ފުލުހުންގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ނިކުމެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މާލެ ސަރަހައްދު ހިމެނޭހެން މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް މިރޭ 21.45 ން މެންދަމު 2.00 އަށް ވަނީ އޮރެންޖު ސަމާލު ނެރެފައިވެއެވެ އެގޮތުން އޮރެންޖު ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ.
ރިއެކްޝަންސް






